ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ލ. މުންޑޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް، ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މާރިޗް 21 ވަނަ ދުވަހު މުންޑޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްތަކުގައި، އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ގުޅޭގޮތުންނާއި މަގުމަތީގައާއި ސްކޫލް ސަރަޙައްދުގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމާއި، އަމާން މާހައުލެއް ޤާއިމު ކުރުމަށް މަސައްކަތްކުރުމާއި ކުށުގެ މާހައުލުން ދަރިވަރުން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މުދައްރިސުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މުންޑޫ ސްކޫލްގެ ގްރޭޑް 6ން ގްރޭޑް 10ށް ތަޢުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނާއި އެސްކޫލްގެ ހުރިހާ މުދައްރިސުން މިޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ.