ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރި ސެންޓަރ ފޮރ މެންޓަލް ހެލްތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައި ދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލް ކުރަމުން ގެންދާ މީހުންނަކީ، ހަމަ އަޅުގަނޑުމެން ފަދަ މީހުން ކަމަށާއި ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަކުވާއަކީ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް، ރާއްޖޭގައި އެކަށީގެންވާ ނިޒާމެއް ނެތުމުގެ ޝަކުވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ނަފްސާނީ ބަލީގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ތިމާއަށް ނޭނގިވެސް ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުން މަދު ނޫން ކަމަށެވެ. ނަފްސާނީ ބަލި ޖެހުމަކީ މީހާ ދެރަވުމެއް ނޫން ކަމަށާއި ނުވަތަ މީހާއަށް އުނިކަމެއް އައުމެއްވެސް ނޫން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނަފްސާނީ ބައްޔަކީވެސް އެހެން ބަލިތައް ޖެހޭ ފަދައިން ޖެހޭ ބައްޔެއް ކަމަށާއި ނަފްސާނީ ބައްޔެއްގެ އަސަރުކޮށްފައިވާ މީހާވެސް، އެކަށީގެންވާ ފަރުވާ ހޯދުމުން، އެކަމަށް ލުޔެއް ލިބޭ ކަމަށެވެ. "މިކަމުގައި އަޅުގަނޑުމެން ދެރަވަނީ، ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުން، ފަރުވާ ހޯދުމަށް އުޅޭ ހިތްދަތި ހާލާމެދު."
"ރާއްޖޭގައި ތިބި ނަފްސާނީ ބަލީގެ މަދު ތަޖްރިބާކާރުންނަށް ދެއްކުމަށް، ނަން ނޯޓްކޮށްފައި ތިބި މީހުންގެ ވެއިޓް ލިސްޓް އެހާ ދިގު. އެކަމަށް ބޭނުންވާ ބޭސް، ފަސޭހައިން ލިބެން ނެތުމުގެ އިތުރުން، އެކަމަށް ފަރުވާދޭނެ އެކަށީގެންވާ މަރުކަޒެއްވެސް ރާއްޖެއަކު ނެތް. އެންމެ ކުޑަމިނުން މުޖުތަމަޢުގައި އެފަދަ ބަލިތަކުގެ ވާހަކަ ދެއްކުމަކީވެސް ފަސޭހަކަމެއް ނޫން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދު ހުޅުވި މަރުކަޒަކީ ނަފްސާނީ ބަލި ތަޙައްމަލްކުރާ މީހުންނަށް ރައްކާތެރި، އަދި އެފަދަ މީހުންނާއި، އެމީހުންގެ ޢާއިލާތަކުގެ އިތުބާރު ހޯދައިގެން ފަރުވާ ފޯރުކޮށްދޭންޖެހޭނެ މަރުކަޒެއް ކަމަށާއި މި މަރުކަޒުގައި އައުޓްޕޭޝަންޓް، އިންޕޭޝަންޓް ޚިދުމަތްތަކުގެ އިތުރުން، މަލްޓިޑިސިޕްލިނަރީ އެޕްރޯޗެއް މެދުވެރިކޮށް، މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަދި ސަރަޙައްދީ ހޮސްޕިޓަލްތަކާ ގުޅިގެން، އައުޓްރީޗް ސްޕެޝަލިސްޓް ޚިދުމަތްވެސް ފޯރުކޮށްދެވޭނެ. އޭގެ އިތުރުން، އަތޮޅު އަދި ރަށު ފެންވަރުގައި، މި ސެންޓަރުގެ ހިދުމަތް ލިބޭނެގޮތަށް، ކޮންމެ އަތޮޅެއްގައި މެންޓަލް ހެލްތް ކެއަރ ކޯޑިނޭޓަރުން ބޭތިއްބުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައި."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
އަޅުގަނޑު އެދެނީ، މި ޙާލަތު މިއަށްވުރެ ރަނގަޅު ގޮތަކަށް ބަދަލުވުން. މިއަދު މި ހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ، ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް، ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއަދަކީވެސް، ދިވެހި ރައްޔިތުން އުފާކުރުން ވަރަށް ޙައްޤު ދުވަހެއް.
ސަރުކާރުން މިއަދު މި ހުޅުވާ [ސެންޓަރ ފޮރ މެންޓަލް ހެލްތު]ގެ އެންމެ ބޮޑު ބޭނުމަކީ، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން، ޤައުމީ ފެންވަރެއްގައި، ނަފްސާނީ ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު ފަރުވާ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. މިފަދަ މަރުކަޒެއް ޤާއިމުކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ތަންފީޒު ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި ކަމެއް.
މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މި މުހިންމު މަރުކަޒު ޤާއިމުވެގެން ދިޔަކަމަށްޓަކައި، މާތް ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މި މަރުކަޒު ވުޖޫދަށް ގެނެސްދެއްވުމުގައި، މިނިސްޓްރީ އޮފް ހެލްތާއި، އައި.ޖީ.އެމް.އެޗް.ގެ ޓީމުން ކުރެއްވި ބުރަ އަދި ގިނަގުނަ މަސައްކަތްތަކަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
މިހެން ޚިދުމަތްތަކުގެ ލިސްޓް ކިޔާއިރުވެސް އަޅުގަނޑުމެންނަށް އެނގޭ، ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހުންގެ އުނދަގޫތަކަށް، ހަމައެކަނި މި މަރުކަޒުން މުޅިން ޙައްލު ނުވާނެކަން. އެހެންނަމަވެސް، އަޅުގަނޑު ދެކެނީ މިއީ ރަނގަޅު ފެށުމެއް ކަމަށް. އަދި އެމީހުން ތަޙައްމަލްކުރާ ބުރަޔަށް ކޮންމެވެސްވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށް.
މި މަރުކަޒުގެ ޚިދުމަތް، ކުރިމަގުގައި އިތުރަށް ތަރައްޤީކޮށް ފުޅާކުރެވޭނެ. އެކަމަށްޓަކައި، ތަޖްރިބާ ލިބިފައިވާ ޑަކްޓަރުންނާއި، އެހެނިހެން ފަންނީ މީހުން ތަމްރީނު ކުރުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ. ދާދި މިދާކަށްދުވަހު ސަރުކާރުން އިޢުލާނު ކުރި، މަތީ ތަޢުލީމުގެ ލޯން ސްކީމްގައިވެސް، ނަފްސާނީ ބަލީގެ ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށް ބޮޑު ޢަދަދެއް ކަނޑައަޅާފައިވާނެ.
ޞިއްޙީ ޚިދުމަތް ދޭ ތަނެއް ޤާއިމުކޮށްގެން އެކަނި، ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ. ޢާއިލާގެ ލޯތްބާއި އޯގާތެރިކަން އަދި އެހީތެރިކަން ބޭނުންވޭ. އަދި ނަފްސާނީ ބަލި ތަޙައްމަލް ކުރާ މީހުންގެ ޢާއިލާތަކަށްވެސް މުޖްތަމަޢުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވޭ. މުޖްތަމަޢެއްގެ ގޮތުގައި މިހާރަށްވުރެ އަޅުގަނޑުމެން އެންމެންގެ ހަމްދަރުދީއާއި އަޅައިލުން ދޭންޖެހޭ.
އަޅުގަނޑަކީ ނަފްސާނީ ބަލިގެ މާހިރެއް ނޫން. އެކަމަކު އަޅުގަނޑަށްވެސް އެނގިފައިވާ ގޮތުގައި، ނަފްސާނީ ބަލި ތަޙައްމަލްކުރާ ގިނަ މީހުންނަށް، އެމީހުންގެ ޙާލަތު ބުނެދޭކަށް ނޭނގެ. އަދި މުޖްތަމަޢުން އެކަމާ ދެކޭނެގޮތް ހިތަށްއަރާފައި، އެކަމަށް ފަރުވާ ހޯދަންވެސް ޖެހިލުންވޭ.
އެފަދަ އުނދަގޫތައް ތަޙައްމަލް ކުރަމުންދާ މީހުންނަށް، އަޅުގަނޑުގެ އޮތް އިލްތިމާސަކީ، މި ބުރަ އުފުއްލަވަން ނުހައްދަވާށޭ. ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދަވާށޭ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ތިޔަބޭފުޅުންނާ އެކުގައި. ވެވުނު އެންމެ ބޮޑަކަށް ތިޔަބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް.
އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުންގެ އުފާވެރިކަމަށް އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުވެ، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ލިބިގެން ދިޔުން.
އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުންގެ ކުރިއެރުމާއި، ހެވާއި ލާބަޔަށް މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި، ދިވެހި ރައްޔިތުންނަކީ، ހަށިހެޔޮ، ދުޅަހެޔޮ ދިރިއުޅުމެއް ލިބިގެންވާ ނަސީބުވެރި ބަޔަކު ކަމުގައި ލެއްވުން! އާމީން.
والسّلام عليــكم ورحـمــة اللّـه وبـركاتـه.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.