ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 53ސ
ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް  ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

 ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓް ގުޅިގެން ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މާރިޗު 22ވަނަ ދުވަހު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، ކުޑަކުވަދުއަކީ ޒަމާނީ ފެންވަރެއްގައި މަގު ހަދާފައިވާ ރަށެއްކަމާއި އެހެންކަމުން ކުރިން މަގު ބޭނުންކުރަމުންއައި ގޮތް ދޫކޮށް ޒަމާނާއި އެއްގޮތަށް ބަދަލުވެ މަގުމަތީގެ އަދަބުތަކަށް އިޙުތިރާމު ކުރުމަށް އެދިލެއްވިއެވެ. އަދި ދަރިވަރުންނަކީވެސް އެހެން ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވުމަށާއި، އެނގިފައިވާ އެއްޗެއްގެ ބޭނުން ރަނގަޅަށް ހިފައި އެހެން ދަރިވަރުންނަށް ބުނެދިނުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ.

މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، ކުޑަހުވަދުއަކީ މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ނަމޫނާ ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި ހަދައިދިނުމަށް އެދިލެއްވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުން އެންމެ އިސްކަމެއްދޭނެ އެއް ކަންތައް ކަމުގައި ވިދާޅުވިއެވެ.ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މާރިޗު 17ން 22ށް ކުރިއަށްގެންދިޔަ  ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި މަގުމަތީގައާއި ސްކޫލް ސަރަޙައްދުގައި ޙަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާއި މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ގޮތަށް މުޢާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މީގެއިތުރުން މަގުމަތީގައި ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިޕްރޮގްރާމްގައި ޓްރެފިކް މޮނިޓަރުންގެ ގޮތުގައި 40 ދަރިވަރުން ތަމްރީނުވެފައިވެއެވެ.

މިއަދު އޮންލައިން