ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަކީ ދިވެހިރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމާއި ކުރިއެރުން ހޯއްދަވައި ދެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާ ދިވެހި ދަރި ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ މާމިގިލީގައި ބޭއްވި ކެންޕޭނު ޖަލްސާގައި ފައިޞަލް ވިދާޅުވީ ޤާސިމް އިބްރާހީމްގެ އަރިއަހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ހުންނެވުމުން އެމަނިކުފާނުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ބައެއްގެ ކިބައިން އެއްވެސް މައުލޫމާތަކަށް ބޭނުންފުޅު ނުވާ ކަމަށެވެ.
"އެމަނިކުފާނަކީ އުފެދިވަޑައިގަތުމުގައި ވަރަށް އޯގާތެރި ހިތެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އެތައް ބައަކަށް ވަނީ އެމަނިކުފާނުގެ އޯގާތެރިކަން ލިބިފަ. އެމީހަކަށް އެންމެ ބޭނުންވާ ވަގުތު އެމީހަކަށް އެހީތެރިވެދެއްވުމަކީ މާކުރިންސުރެ ޤާސިމް އިބްރާހީމް ކޮށްދެއްވަމުން ގެންދަވާ ކަމެއް. އަޅުގަނޑަށް ހީވަނީ މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ދެބަސްވާ ކަމެއް ނޫންހެން. އެފަދަ ބޭފުޅަކާއިއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އުފާކުރަން. އެފުރުޞަތު ދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން."
ފައިޞަލް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަބަދުވެސް ހެޔޮ ބަދަލުތައް ބޭނުންވާ ބައެއް ކަމަށާއި ކުރިއަރައިގެން ދިއުމަށް އުންމީދުކުރާ ބައެއް ކަމަށެވެ. ހަރުދަނާ ޑިމޮކްރަސީއަކާއި ހައްޤުތައް ބޭނުންވާ ބައެއް ކަމަށާއި ޤާސިމް އިބްރާހީމް ދިވެހި ފަސްގަނޑުގައި ފާހަގަ ކުރެވިފައިވަނީ އެކަންކަން ރައްޔިތުންނަށް ހޯއްދަވައި ދެއްވުމުގައި މަތިވެރި ޤްރްބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. "ކުޑަކުއްޖަކުވެސް ނުދަންނަ އެއްވެސް ކަމެއް ނެތް ޤާސިމް އާއި ދޭތެރޭ ހިނގާފައެއް. ފާއިތުވި އަހަރުތަކަށް ބަލައިފިނަމަ ޖަލުގެ އަނިޔާ އެންމެ ބޮޑަށް ތަޙައްމަލުކުރައްވާފައިވަނީ ޤާސިމް އިބްރާހީމް. ހެޔޮ ބަދަލުތައް ގެނެސް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމަށްޓަކައި ޤްރްބާން ނުކުރައްވާ ހަމަ އެއްވެސް ކަމެއް ނެތް."
ފައިޞަލް ވިދާޅުވީ އަމިއްލަފުޅު މުދަލަށާއި ޢާއިލާ ނުރައްކަލުގެ ތެރޭގައިވީނަމަވެސް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދެއްވުމަށް ފަސްޖެހިވަޑައިގަތުމެއް ނެތި މަސައްކަތްޕުޅު ކުރެއްވިކަން އެއީ ރައްޔިތުންނަށް އޮޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީ އިޞްލާޙްކުރުމަށް ކުރެއްވެވި ވަރުގަަދ މަސައްކަތްޕުޅު ރައްޔިތުންނަށް ވަނީ ސާފުކޮށް ފެނި، އެނގިފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ޤާސިމް އިބްރާހީމްގެ ހެޔޮ ނިޔަތް އަބަދުވެސް ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ.