ރައްޔިތުންގެ މަޖިލީހަށް ހޮވަންޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދައިރާގެ މެންބަރު ޤާސިމް އިބްރާހީމް ފަދަ ތެދުވެރި، އިޚްލާޞްތެރި ނަޒާހަތްތެރި ބޭފުޅުން ކަމަށް ނައިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
މާމިގިލީގައި ރޭ ބޭއްވި ކެންޕޭނު ޖަލްސާގައި ފައިޞަލް ވިދާޅުވީ މަޖިލީހުގެ ތެރެއިން ކުރަން ހުރި މުހިންމު މަސައްކަތްތަކާއިމެދު ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނަން އެބަ ޖެހޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ފަދަ ތެދުވެރި، އިޚްލާޞްތެރި ނަޒާހަތްތެރި ބޭފުޅުން މަޖިލީހަށް ހޮވަން އެބަ ޖެހޭ ކަމަށާއި އެފަދަ ބޭފުޅުން އިންތިޚާބުކޮށް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހެއް އެކުލަވާލަން ޖެހެނީ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށާއި އަދި 18 ވަނަ ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރިމަތިވި މައްސަލަތައް އެންމެންނަށްވެސް އެނގޭ ކަމަށެވެ. ވަފާތެރި ނަޒާހަތްތެރި ތެދުވެރި އިޚްލާޞްތެރި ބައަކު މަޖިލީހަށް އަންނަން ޖެހޭ ކަމަށެވެ. "ޤައުމެއްގެ އެންމެ ޝަރަފްވެރި ކަރާމާތްތެރި ތަނަކީ އެ ޤައުމެއްގެ ރައްޔިތުންގެ މަޖިލިސް. އެތަން އެގޮތުގައި ދަމަހައްޓަން އެބަ ޖެހޭ. މަޖިލިސް މެންބަރެއްގެ ގޮތުގައި އަޅުގަނޑުވެސް ހުރެ އަޅުގަނޑަށް ފެނުނު ކަންތައްތަކަކީ އެކަންތައްތަކާއި އަޅުގަނޑުވެސް އުފާކުރާ ކަންތައްތަކެއް ނޫން."
ފައިޞަލް ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ހުރަސް ނުއަޅާނެ ކަމަށާއި ރައްޔިތުން މިފަހަރު މަޖިލީހަށް އިންތިޚާބުކުރާ ޤާބިލު މެންބަރުންނާއިއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަރައި އެކަމުގެ އުފާވެރިކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
"މިދިއަ އަހަރު ގެނައި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް. އެ ބަދަލާއިއެކު މި ރަނުގެ ފުރުޞަތުގެ ބޭނުން ހިފަން އެބަ ޖެހޭ. މިއީ ޤައުމީ އަދި ދީނީ ޒިންމާއެއްގެ ގޮތުގައި ޤަބޫލުކުރަން އެބަޖެހޭ. މިއަދު ކުރާ ކަމަކުން މާދަމާ ހިތާމަ ކުރަން ނުޖެހޭ ގޮތަކަށް އަޅުގަނޑުމެންގެ ނިންމުންތައް ނިންމަން އެބަ ޖެހޭ."