އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ހިންގާފައި ނުވާކަމަށް އޭސީސީން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ހިންގާފައި ނުވާކަމަށް އޭސީސީން ބުނެފި

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން) ރިޝްވަތުގެ އަމަލެއް ހިންގާފައި ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސިސީން މިހެން ބުނެފައިވަނީ އަނދުން ހުސެއިން ވާދަ ކުރައްވާ ދާއިރާގެ މީހުންނަށް ސްކޮލަޝިޕްތަކެއް ހުޅުވާލައި ފަސް ކުއްޖަކު އިންޑިއާ އަށް ކިޔަވަން ފޮނުވަން ނިންމެވުމާ ގުޅިގެން މިމައްސަލަ ބެއްލެވުމަށްފަހުއެވެ.

އޭސިސީން ބުނެފައިވަނީ އަނދުން ހުސެއިންގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ ކުދިންނަށް އެފުރުސަތު ހުޅުވާލީ އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ އިންތިހާބަށް ފުރުސަތު ހުޅުވާލުމުގެ ކުރިންކަމަށް ވުމާއެކު އަދި އޭރު އޭނާއަކީ ޤާނޫނީ ގޮތުން ބަލާއިރު ކެނޑިޑޭޓަކަށް ނުވާތީ ރިޝްވަތުގެ އަމަލެއް ހިންގާފައި ވާކަމަށް ނުބެލެވޭކަމަށެވެ.

އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އަނދުން ހުސައިންގެ އިތުރުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (އަމިއްލަ ގޮތުން) އާއި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިން ސަލީމް (ޑީއާރުޕީ) އާއި އަބްދުﷲ އަފީފް (އަމިއްލަ ގޮތުން) އާއި އަބްދުﷲ ރަޝީދު (އަމިއްލަ ގޮތުން) އާއި އިބްރާހިމް ވަހީދު (އެމްއެސްއެލްޑީ) އާއި މުހައްމަދު އަފްސާހް (އަމިއްލަ ގޮތުން) އަދި މޫސާ ޝިފާއު (އަމިއްލަ ގޮތުން) އެވެ.

މިއަދު އޮންލައިން