ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ބޮލަށް ވެސް ލިބުނު ގެއްލުމެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅިގެން 2015 ވަނަ އަހަރު ނިޔާވި ގދ. ތިނަދޫ ޒިޔާދާ ނައީމް ގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ އިބްރާހިމް ޝާހުގެ ކުށެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ކަންބޮޑުވާ ކަމަށް ފެމިލި ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) އިން މިއަދު ބުނެފިއެވެ.
ޒިޔާދާގެ ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާއާއި މީހަކު މަރުވެ ދިޔުމުގައި ފަރުވާ ކުޑަ ޢަމަލެއް ކުރުމުގެ ދައުވާއާއި މީހަކު މަރުވެ ދިޔުމުގައި އިހުމާލުވުމުގެ އަމަލެއް ކުރުމުގެ ދައުވާއާއި އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
މިހަތަރު ދައުވާގެ ތެރެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
އެފްޕީއޭ އިން ބުނެފައިވަނީ ޒިޔާދާގެ ފިރިމީހާގެ މައްޗަށް ދައުވާ އުފުލީ ސާބިތު ކުރެވޭ ވަރުގެ ހެއްކާއެކު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހާމަ ކޮށްފައިވާއިރު، ޝާހުގެ މައްޗަށް އެދައުވާތައް ސާބިތު ނުވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާތީ އެކަމާއި އެމުއައްސަސާއިން ކަންބޮޑުވެއެވެ.
ހައިކޯޓާއި ހިސާބަށް އެމައްސަލަ ގެންދެވިފައިވާއިރު، އިންސާފު ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް އެފްޕީއޭ އިން ބުނެފައިވެއެވެ.