ކާރަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ހުޅުމާލޭ އަސުރުމާހިނގުމާއި ޗަނބޭމަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 49 އަހަރުގެ ފިރިހެނަކަށެވެ.
ހުޅުމާލޭ ހޮސްޕިޓަލު ހިންގުމާއި ހަވާލުވެ ހުންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިޙު ވިދާޅުވީ އެކްސިޑެންޓުވެގެން އަނިޔާވި ދެމީހުން މިއަދު ހެނދުނު 7:40 ހާއިރު އެހޮސްޕިޓަލަށް ފަރުވާއަށް ގެންދެވިފައިވާ ކަމަށެވެ.
އޭގެތެރެއިން 49 އަހަރުގެ ފިރިހެން މީހާގެ އަނގަމައްޗަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް ޑްރެސިން ރޫމްގައި ފަރުވާ ދެމުން އަންނައިރު 17 އަހަރުގެ ފިރިހެން ކުއްޖާއަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އާޝިޔާ ވިދާޅުވެފައިވެއެވެ.