ރައީސް ޔާމީން މިނިވަން ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 36ސ
ރައީސް ޔާމީން މިނިވަން ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހު، އެމަނިކުފާނު ދޫކޮށްލުމަށް ހައި ކޯޓުން މީގެ އިރުކޮޅެއް ކުރިން އަމުރުކޮށްފި އެވެ.

ހައި ކޯޓުން މިފަދައިން އަމުރުކުރީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 18 ގައި ކުރި އަމުރު އިސްތިއުނާފު ކުރުމުންނެވެ.

ރައީސް ޔާމީން މިއަދު މިނިވަން ކޮށްފައިވާއިރު ސިއްހީ ސަބަބުތަކަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހުން ފެށިފެން އެމަނިކުފާނު ހުންނެވީ ގެއަށް ބަދަލު ކޮށްފައެވެ.

ކުރިން އެމައްސަލަ ބެއްލެވީ ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އަދި ގާޒީ ހަސަން އަލީ ރިޔާސަތުގައި އިންނަވައިގެންނެވެ. ނަމަވެސް މިއަދު އެމައްސަލަ ބައްލަވާ ބެންޗުގައި އިންނެވީ ގާޒީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެވެ.

ރައީސް ޔާމީންގެ ބަންދުގެ އަމުރު ބާތިލް ކުރުމަށް މިއަދު ކުރި ހުކުމުގައި ވަނީ، އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ރިއާޔަތްކޮށްފައި ކަމަށެވެ. އެ މާއްދާތަކުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށާއި މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 3:54 އަށް އެ މުއްދަތު ހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން، ބަންދުގެ މުއްދަތު މިހާރު ހަމަވެފައި ވާތީ ރައީސް ޔާމީން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ބަންދުން ދޫކޮށްލަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

 

މިއަދު އޮންލައިން