- މިއީ އަހަރެންގެ ޤާނޫނެއް ނޫން! އިލާހީ ޤާނޫނެއް - އަހަރެން ކުރާކަމަކީ ބުރުނާއީ ރައްޔިތުންނަށްޓަކައި ތަންފީޒުކޮށްލުން!: ރަސްގެފާނު
މިފެށޭ އެޕްރިލް މަހުން ފެށިގެން ބުރުނާއީގައި އިސްލާމީ ޝަރީއާގެ ގިނަ ޙުކުމްތަކެއް ތަންފީޒުކުރަން ނިންމައިފިއެވެ. އެގޮތުން އިސްލާމީ ޝަރީއާގައިވާ ފަދައިން ޙުކުމް ތަންފީޒުކުރުމަށް އަދި ހާމަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި ވައްކަން ކުރުން ހިމެނެއެވެ.
ގެޒެޓްކޮށްފައިވާ ޤާނޫނުގައި ބުނެފައިވަނީ ޒިނޭކުރުމުން ރަޖަމްކުރާނެ ކަމަށާއި އެއްޖިންސުން ގުޅުން ހިންގާ މީހުންވެސް ރަޖަމް ކުރާނެ ކަމަށެވެ. މިކަންކަމާއި ގުޅިގެން އެމްނެސްޓީ އިންޓަރނޭޝަނަލް މިހާރު ވަނީ ރަތަށް އަރައިފައެވެ. އެމްނެސްޓީން ގެންދަނީ އިސްލާމީ ޝަރީޢާގެ ޙުކުމްތައް ތަންފީޒުކުރުމަކީ އަނިޔާވެރިވުމުގައި ހައްދުފަހަނައަޅައި ދިއުން ކަމަށްބުނެ އަޑުއުފުލަމުންނެވެ.
ބުރުނާއީގެ ރަސްގެފާނު ހަސަނުލް ބުލްޤިޔާ ވިދާޅުވީ މި ޤާނޫނުތަކަކީ އެމަނިކުފާނު އަމިއްލަފުޅަށް ހެއްދެވި ޤާނޫނުތަކެއް ނޫން ކަމަށާއި ﷲ 7 އުޑުމަތިން ބާވައިލައްވަވާފައިވާ އިލާހީ ޤާނޫނުތަކެއް ކަމަށެވެ. އަދި އެ ޤާނޫނުތައް ބާވައިލައްވަވާފައިވަނީ ބުރުނާއީ ރައްޔިތުންގެވެސް ފައިދާއަށްޓަކައި ކަމަށާއި ބުރުނާއީގެ ރައްޔިތުންގެ މައްޗަށްވެސް ތަންފީޒުކުރަން ޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެ ފައިދާ ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ. "އެއްވެސް ބައަކު ބުރުނާއީ ރައްޔިތުންނަށް ހޯދައިދޭން މިއުޅޭ ބޮޑު ފައިދާއަށް ހުރަސް އަޅަން މަސައްކަތް ކުރާނެ ކަމެއް ނެތް!"
ރަސްގެފާނު ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބުރުނައީގައި ތަންފީޒު ކުރައްވަން ވަރަށް ކުރިންސުރެ ވަނީ މަސައްކަތްޕުޅު ފަށްޓަވާފައި ކަމަށެވެ. އަދި ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިހާރު މިވަނީ ތަންފީޒު ކުރެއްވޭނެ ހާލަތަށް ގެންދެވިފައި ކަމަށެވެ.
މީގެ 3 އަހަރު ވަރު ކުރިން ފެށިގެން ހުކުރު ވާޖިބުވާ މީހުން ހުކުރަށް ނުދާނަމަ ގޭގެއަށް ވަދެ ހޯދައިގެން ގެންގޮސް ޝަރީޢަތް ކުރުމަކާއި ނުލައި 1 އަހަރު ދުވަހަށް ޖަލުގައި ބަންދުކޮށް ނަމާދުކުރުމުގެ އާދަ ހިއްޕުވަން ފުލުހުންގެ މައްޗަށް ވަނީ އަމުރުފުޅެއް ނެރުއްވައިފައެވެ. މިކަމާއި ގުޅިގެން އެމްނެސްޓީން މައްސަލަތައް ކުރިމަތިވުމުން ވެސް ރަސްގެފާނު ވިދާޅުވެފައިވަނީ މިއުޅުއްވަނީ ބުރުނާއީގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރައްވަން ކަމަށާއި ނަމާދުކުރާ ބައަކު ނެތި އިސްލާމީ ޝަރީޢާ ތަންފީޒުކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
1967 ވަނަ އަހަރުން ފެށިގެން ފުރިހަމަ ބާރާއިއެކު ބުރުނާއީގެ ރަސްކަމުގައި ހުންނަވަނީ ޙަސަނުލްބުލްޤިޔާ އެވެ.