ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

ކިޔުމަށް ހޭދަވާނީ 1މ 37ސ
ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

ފޮޓޯ: ވޮއިސް އޮފް މޯލްޑިވްސް

 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ވަން ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފްގެ ހުކުމް އިއްވުން ހައި ކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި އެވެ.

 

މަނީ ލޯންޑަރިންގެ މައްސަލައިގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ.

 

އެމައްސަލައިގެ އިސްތިއުނާފް ހުކުމް އިއްވުމަށް ކުރިން ތާވަލްކޮށްފައި އޮތީ މިހިނގާ މާރޗް މަހުގެ ހަތް ވަނަ ދުވަހަށެވެ. ނަމަވެސް ހައި ކޯޓުން މިހާރު ވަނީ އެ ޝަރީއަތް މާދަމާ މެންދުރުފަހު 14:00 ޖަހާ އިރު ބާއްވަން ތާވަލުކޮށްފަ އެވެ.

 

އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ ފައިސާ ޖަމާވެފައިވާ ކަމަށް ބަލައި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާތީ، މަޖިލީސް އިންތިޚާބަށް ބެހެއްޓެވި ފައިސާ ވެސް ބޭނުންކުރެވޭ ގޮތް ނުވެފައިވާ ކަމަށް އެމަނިކުފާނުވަނީ ރޭގައި ވިދާޅުވެފައެވެ.

 

ރައީސް ޔާމީން މިހެން ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީޕީއެމުން ކުރާ ކެމްޕޭންގައި، މަޑަވެލި ދާއިރާގެ ރައްޔިތުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުންނެވެ.

 

ދައުލަތުގެ ފައިސާ ވަން އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑެރިން ހިންގެވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ބާތިލްކުރުމާއެކު އެމަނިކުފާނު ގެންދަވަނީ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެކި ދާއިރާތަކުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު އޮންލައިން