ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މިހާރުންމިހާރަށް ތަޢާރަފުކުރުމަށް ތައްޔާރުވެފައިވާ ކަންތައްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކަސްޓަމްސްއިން ބާއްވައިފިއެވެ.
ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ގެންނަން ރޭވިފައިވާ ހެޔޮ ބަދަލުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވާފައިވަނީ 28 މާރިޗު 2019 ވީ ބުރާސްފަތި ދުވަހުއެވެ.

ވިޔަފާރިވެރިންނާއި ކަސްޓަމްސް ބްރޯކަރުން ހިމެނޭގޮތަށް 51 ފަރާތަކުން ބައިވެރިވި މިސެޝަންގައި ވާހަކަފުޅު ދައްކަވަމުން،ކޮމިޝަަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން ވިދާޅުވީ މިދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ކަސްޓަމްސްއާއި ވިޔަފާރިވެރިން ވީހާވެސް ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައެވެ. އަދި ރާއްޖޭގެ ވިޔަފާރި މާޙައުލަކީ ވާދަވެރި އަދި ހަމަހަމަގޮތެއްގައި ކަންކަން ތަންފީޒްކުރެވޭ ވެއްޓެއްކަން ކަށަވަރުކުރުމުގައި ކަސްޓަމްސްގެ މުހިންމު ދައުރެއް އޮތްކަން ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

މި ސެޝަންގައި، ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށްދެވޭ ޚިދުމަތްތައް އިތުރަށް ލުއިފަސޭހަކުރުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
·