އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭނެ ކަމަކީ ވޯޓު ކަރުދާސްކޮޅުގައި ޖަހަންޖެހޭ ފާހަގަ ޖެހުމުގެ އިތުރުން އެއްވެސް ކުރެހުމެއް ނުކުރެހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ޖަހަންޖެހޭ ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއް ކުރަހައިފިނަމަ އެ ވޯޓު ބާޠިލުވާނެ ކަމަށް ޤާނޫނު ފާސްކޮށްފައި އޮތުމުން އެއްވެސް އިތުރު ފާހަގައެއް ޖަހައި ކުރަހައިފިނަމަ އެ ވޯޓު ވާނީ ބާޠިލު ވޯޓަކަށް ކަމަށެވެ.
އަޙްމަދު ޝަރީފް ވިދާޅުވީ މިއީ މިފަހަރުގެ އިންތިޚާބުގައި ކުރިމަތިވާނެ މައްސަލައަކަށްވާތީ ހަނދާންކޮށްދިނުމުގެ ގޮތުން ވޯޓުލާން ކިޔޫގައި ތިބޭ މީހުންނަށް ފެންނާހެން ބޮޑު އަކުރުން ކެންވަސްގައި ލިޔެފައި އިއުލާނު ބަހައްޓަވައިގެން ވެސް މި ކަމަށް ސަމާލުވާން ހަނދާންކޮށްދެއްވާނެ ކަމަށެވެ.
ކުރިންސުރެ އޮންނަނީ ވޯޓު ކަރުދާސްކޮޅުގައި އިތުރަށް ކުރެހުމުން ވޯޓުބާޠިލުވާ ގޮތަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ޤާނޫނަށް ބަދަކލު ގެނެސް ވޯޓު ކަރުދާހުގައި އެމީހަކު ބޭނުން އެއްޗެއް ލިޔެ ކުރަހައި ހެދޭނެ ގޮތަށް ފާސްކުރިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަން ނިމުމުން ހަމަ ޕީޕީއެމުން މަޖިލީހަށް ހުށަހަޅައިގެން މިހާރު ވަނީ ފާހަގަ ޖެހުން ނޫން ކަމެއް ނުކުރެވޭނެ ގޮތް ވަނީ ހަދައިފައެވެ.