އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޗާޕުކޮށް ނިމިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
މިކަމާއެި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.
ކޮމިޝަން ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގައި ސެކިއުރިޓީ ތިން ފީޗާއެއް ބޭނުންކޮށް ކަރުދާސް ޗާޕް ކުރީ ކުލަކޮށް ކަމަށެވެ. ނަމަވެސް މިފަހަރު ވޯޓު ކަރުދާހުގައި ސެކިއުރިޓީ ދެ ފީޗާއެ ހިމަނާފައިވެނޭ ކަމަށާއި ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނާނީ ކަޅާއި ހުދުން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް ބިޑްކުރީ ނޮވެލްޓީގެ އިތުރުން އެމް7 އިންނެވެ. އެންމެ ގާބިލް ބަޔަކީ ނޮވެލްޓީ ކަމަށް ކަނޑައަޅައި، މަޖިލިސް އިންތިހާބަށް އީސީއަށް ލިބުނު ބަޖެޓަށް ބެލުމަށް ފަހު، އެ މަސައްކަތް އެކޮމިޝަނުން ނޮވެލްޓީއާއި ހަވާލުކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިނެވެ.