ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މީގެ އިރުކޮޅެއް ކުރިން ބާތިލު ކޮށްފިއެވެ.
ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައާއި ގުޅިގެންނެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައިސް ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓުތަކެއް ވަނީ ފްރީޒް ކޮށްފައެވެ.
ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެއިން މުއާމަލާތް ހިންގާފައިވާ ކަމަށާއި އެހެންކަމުން އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަކަށް އެދުނީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ޤާނޫނާއި ޚިލާފަށް މާލީ މުއާމަލާތްތަކެއް އެމަނިކުފާނު ހިންގާފައިވާކަމަށް ތުހުމަތު ކުރެވި ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް، އެމުއައްސަސާއިން ކުރިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް ޔާމީންގެ އެމްއައިބީ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. އެވަރުގެ ބޮޑު އަދަދެއް ކުއްލިގޮތަކަށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާވުމުން، އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ އެމައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެއިރު ފުލުހުން އެމައްސަަލަ ބަލާފައެއް ނުވެއެވެ.