ފައިގާ އަޅާފައި އިން ޕްލާސްޓަރެއް ކަފަން އުޅުމުގެ ތެރޭގައި، ޕްލާސްޓަރ އަޅާފައި ހުރި މީހާގެ ފައި ކަފައިގެން ގޮސްފިއެވެ.
މިހާދިސާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާ ގައި ފޮޓޯތަކެއް އާންމުވެފައިވާއިރު، ފޮޓޯތައް އާންމުކުރި އަންހެންމީހާ ބުނެފައިވަނީ، ފައިގަ އަޅާފަ އިން ޕްލާސްޓަރ ނަގަން އައިޖީއެމްއެޗް އަށް ދިޔުމުން ޕްލާސްޓަރ ކަފާލީ ފަޔާއި އެކުގައި ކަމަށާއި ފައި ނުކެފޭނެ ކަމަށް ޕްލާސްޓަރ ކަފަން ހުރި ޑޮކްޓަރު ބުނި ކަމަށެވެ.
ޕްލާސްޓަރ ކެފިއިރު ފައިވެސް ކެފިފައިވާކަން އެނގުމުން، އެއީ އެއްވެސް ކަމެއް ނޫން ކަމަށް ޑޮކްޓަރު ބުނި ކަމަށް ވެސް އެއަންހެން މީހާ ބުނެފައިވެއެވެ.
މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވަނީ މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމެވެ. ނަމަވެސް މިހާދިސާ ހިނގާފައިވަނީ ފިރިހެނަކަށް ކަމަށް ވެސް އެއްބަޔަކު ބުނެފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ ފައި ކަފައިގެން ދިޔައީ ފޮޓޯތައް އާންމުކުރި އަންހެން ކުއްޖާގެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް ފޮޓޯތައް އާންމުކުރި ކުއްޖާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމުން، ޖަވާބެއް ނުދެއްވުމުގެ ސަބަބުން އޭނާގެ ފަރާތުން ވަނީ އިތުރު މައުލޫމާތެއް ލިބޭ ގޮތް ނުވެފައެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް ނުވަތަ ޝަކުވާއެއް ވެސް އެހޮސްޕިޓަލަށް ހުށަހަޅިކަން އެނގިފައިނުވާ ކަމަށާއި ހުށަހެޅިނަމަ އެކަން އެހޮސްޕިޓަލުގެ ކޮމްޕްލެއިންޓްސް ޕޮލިސީގެ ދަށުން ބަލާނެ ކަމަށެވެ.