މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އައްޑޫ ސިޓީ ކައުންސިލްގެ 51 ޕަސެންޓު ހިއްސާވާ، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) ގުޅިގެން ސޯލާ ޕެނަލް ފައިނޭންސް ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއައިބީ ހިތަދޫ ބްރާންޗުގެ މެނޭޖަރ ޝަފްރާޒު ޒާހިރު ވިދާޅުވީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" އެހެން ފައިނޭންސް ތަކާއި ހިލާފަށް ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި އިތުރު ފައިސާއެއް ދައްކަވަން ނުޖެހޭނެކަމަށެވެ.
2016 ވަނަ އަހަރު އުފެއްދި އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީން ބުނީ އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ސޯލާ ނަންގަވާ ފަރާތްތަކަަށް ފައިސާ ދައްކައި ނިމެންދެން ސޯލާ ޕެނަލް ސިސްޓަމް އިންޝޫރަންސް ކުރެވިފައިވާނެ ކަމަށާއި މައްސަލައެެއް ދިމާވެއްޖެނަމަ އެކަން އޭޕީސީން ހައްލުކޮށްދޭނެކަމަށެވެ.
އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭސިން ފެސިލިޓީގެ ދަށުން އޭޕީސީން ވިއްކާ ސޯލާ ޕެނަލްތައް އެއްދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެއެވެ.
މި ފެސިލިޓީގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ވައްތަރެއްގެ ސޯލާ ޕަވާ ޕެނަލް ސިސްޓަމްތަކެކެވެ. އެއީ ގްރިޑް ޓައި ސިސްޓަމަކާއި، ހައި ބްރިޑް ސިސްޓަމްގެ އިތުރުން އޮފް ގްރިޑް ސިސްޓަމެވެ.
މައުލޫމާތު؛ އައްޑޫލައިވް