ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަންނަވާ ވައުދަކީ ކޯލިޝަން ސަރުކާރުގެ ވައުދު ކަމަށާއި މަޖިލިސް އިންތިޚާބާއި ގުޅިގެން ވަކިޕާޓީއަކުންވާ ވައުދެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް ކޯލިޝަނުގެ ލީޑަރުން ދެމިތިއްބަވާނެ ކަމަށާއި ވީމާ، ވައުދު ފުއްދުމަކަށް ކޯލިޝަނުގެ ވަކިޕާޓީއެއްގެ ކެންޑިޑޭޓުން ހޮވަން ނުޖެހޭ ކަމަށެވެ.
"ޖޭޕީ ކޯލިޝަނުގަ. އަދި އޮންނާނީވެސް ކޯލިޝަން ދެމެހެއްޓުމުގަ. މަޖިލިސް އިންތިޚާބާއި ގުޅިގެން ޖޭޕީގެ ސްޓޭންޑާއިމެދު ސުވާލު އުފައްދަވާ ބޭފުޅުން ތިއަ އުފައްދަވަނީ ޖަވާބު ނޭނގޭ ސުވާލެއްތޯ؟ އަމިއްލަފުޅު ޒަމީރާ ސުވާލުކޮށްލައްވާ!"
"އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޮއިކުރެއްވި ކޯލިޝަން އެއްބަސްވުން އެމްޑީޕީން ދޫކޮށްލުމުން މަޖިލިސް އިންތިޚާބުގައި ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވިކަމާއި އެއިގެ އަސަރު ފޮނިނުވެދާނެކަން ޚުދު ލީޑަރުންވެސް ޤަބޫލު ކުރެއްވި. މީގެ ސަބަބުން ގޯހެއްވި ނަމަ ޒިންމާ ނަގަން ޖެހޭނީ ކޮން ބޭފުޅަކަށްތޯ؟" ވެސް އަމީން އިބްރާހީމް ވަނީ ސުވާލުކުރައްވައިފައެވެ.ވ