އިސްލާމް ދީނަށް ފުރައްސާރަކުރުމާއި، އިސްލާމް ދީނާއި ގުޅުވައިގެން ހަރުކަށިކަމާއި ހައްދުފަހަނައަޅައިދިއުން އަދި އިންޓަނެޓްގެ ޕްލެޓްފޯމްތަކުގައި އެބައެއްގެ އެޖެންޑާ ކުރިއެރުވުމުގެ ތެރެއިން ވަކިވަކި ފަރުދުންނަށް ފުރައްސާރަކުރުމާއި، ބިރުދެއްކުންހުއްޓުވަން ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ މުހައްމަދު ޙަމީދު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ގިނަ މައްސަލަތަކެއްގެ އިތުރުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި، ދީނާއި ގުޅުވައިގެން ހަރުކަށިކަމާއި ހައްދުފަހަނައަޅައިދިއުން މިވަނީ އިތުރުވެފައި ކަމަށެވެ. އަދި އިންޓަނެޓްގެ ޕްލެޓްފޯމްތަކުގައި އެބައެއްގެ އެޖެންޑާ ކުރިއެރުވުމުގެ ތެރެއިން ވަކިވަކި ފަރުދުންނަށް ފުރައްސާރަކުރުމާއި، ބިރުދެއްކުންވެސް މިވަނީ ވަރަށް ބޮޑަށް އާންމުވެފައި ކަަށެވެ. އަދި މިކަންކަމަކީ މިހާރުން މިހާރަށް ފުލުހުންގެ މުއައްސަސާއާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް ހެޔޮ އަސަރެއް ގެނުވަން ޖެހޭ ކަންކަން ކަމަށެވެ.
ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވީ މިއީ މިއަދުގެ ފުލުހުން އިސްނަގައިގެން ކުރިއަށް އޮތްތަނުގައި ކުރަން ފަށާނެ މަސައްކަތްތައް ކަމަށާއި މި މަސައްކަތްތަކުގެތެރޭން ފުލުހުންގެ މުއައްސަސާ ފުރިހަމަކުރުމަށްޓަކައި އެތަކެއް ފިޔަވަޅުތަކެއް ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގައިވާގޮތުގެ މަތިން އަޅުއްވާނެ ކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުންނަށް އިޙްތިރާމާއި ހަމަހަމަކަމާ އެކު ޚިދުމަތްދޭ ބައަކަށް ހެދުމަށް އިސްކަން ދެއްވާނެ ކަމަށާއި އަދި ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ފުލުހުންގެ މުއައްސަސާ އެއަށް ތަބާވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ރައްޔިތުންގެ ބައިވެރިވުމާ އެކީ ޚިދުމަތްދޭ ޚިދުމަތްތެރި ބައަކަށް ފުލުހުން ހެދުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
ސީޕީ މުޙައްމަދު ޙަމީދުގެ ވާހަކަފުޅުން:
"މި ސްޓްރެޓިޖިކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަން ފެށުނީއްސުރެން މިއަދާ ހަމައަށް އަޅުގަނޑަށް ފުލުހުންގެ މުއައްސަސާގެ ތެރެއިން ފެނުނީވަރަށް އުއްމީދީ މަންޒަރެއް. ރައްޔިތުން ދެކެން ބޭނުންވާ އަދި އުއްމީދުކުރާފަދަ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް ފުލުހުން އަތުކުރި އޮޅާލައިގެން ތިބި މަންޒަރު. ފުލުހުންނަށްކިޔާ ފާޑު ބަލައިގަނެ އެއަށް ހެޔޮ ބަދަލުތައް ގެންނަންޖެހޭކަމަށް ހިތުގެ އަޑިން ގަބޫލު ކުރާކަން އަޅުގަނޑަށް ކަށަވަރުވި. މިކަންކުރުމަށް ފުލުހުންގެ ތެރޭގައި ތިއްބެވީ ވަރަށް ޤާބިލް ތައުލީމީ އަދި ތަޖްރިބާހުރި ބޭފުޅުން. އަޅުގަނޑުގެ ހިތުގައި އެއްވެސް މިންވަރަކަށް ޝައްކެތްނެތް. އަޅުގަނޑުމެން މިއަދު މިފަށާ މުހިއްމު ދަތުރުގައި ފޫހިކަމެއް ވަރުބަލިކަމެއްނެތި ފުލުހުންގެ މުއައްސަސާ އަށް ހެޔޮ ބަދަލު ގެނައުމަށް މުއައްސަސާއަށް ނިސްބަތްވާ އެންމެހާ ފަރާތްތަކުން މަސައްކަތް ކުރައްވާނެ.
އަޅުގަނޑު މިރޭ ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ފުލުހުންގެ މުއައްސަސާ، އިޖްތިމާއީ މިމުހިންމު މުއައްސަސާ، ދިވެހި ރައްޔިތުންގެ މުއައްސަސާ، ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މިފަށާ މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވުމަށް. އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ ގުޅިގެން މިކަން ޙާސިލް ކުރުމަށް ވަރަށް ބޮޑަށް ހުޅުވިގެން. ސްޓްރެޓިޖިކް ޕްލޭންގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމާއި، ނަތީޖާ ހާސިލްކުރާ މިންވަރު ވަޒަންކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން ރައްޔިތުންނާއި މަދަނީ ޖަމްއިއްޔާތައް ހިމަނާނަން. އެމަސައްކަތަށް އެކުލަވާލެވިގެންދޑ ކޮމިޓީއެއްގައި ރައްޔިތުންގެ ބައިވެރިވުން ބޮޑުކުރާނަން.
މިއަދުގެ ސަރުކާރަށް އަޅުގަނޑުމެން ކުރާ އިލްތިމާސަކީ ރައްޔިތުންގެ މަސްލަހަތަށްޓަކައި މަސައްކަތްކުރުމުގައި ނަމޫނާ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުމަށްޓަކައި ދައުލަތުގެ އެންމެހާ ފަރާތްތަކެއްގެ އެހީތެރިކަން ހޯއްދަވައިދެއްވުން.
ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ އެންމެހާ ފުލުހުންނާއި އެހެނިހެން މުވައްޒަފުން ނަށް އަޅުގަނޑު ކުރާ އިލްތިމާސްއަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އެންމެން ވަރަށް އިޚުލާސްތެރިކަމާއެކު ކޮށް ރައްޔިތުންގެ ބަލައިގަތުން އިތުރުކުރުމަށް ކޮންމެ ފުލުހަކުވެސް މަސައްކަތްކުރުމަށް. އަޅުގަނޑު މިއަދު ފުލުހުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ ފުލުހުންގެ ޤާބިލް ކަމާއި ހުނަރުވެރިކަން މި މަސައްކަތުގައި އިތުރު ކުރުމަށް ޒަމާނީ ތަމްރީނު ފޯރުކޮށްދިނުމަށް ފުލުހުންގެ މިއަދުގެ ލީޑަރޝިޕް އިން ހާއްސަ މަސައްކަތްތަކެއް ކުރާނެކަން. އަދި މުވައްޒަފުންގެ ހެލްތް އެންޑް ވެލްބީންގްއަށް އިތުރަށް ސަމާލުވެ ، މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކުރާގައި އެދިގެން މަސައްކަތްތަކެއް ކޮށްދޭނެކަން.
އަދިވެސް އެއްފަހަރު ދުވަހުގެ ތަހުނިޔާ އާއި މުބާރިކުބާދީ ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ އެންމެހާ ފަރާތްތަކަށް އަރިސްކުރަން. އަޅުގަނޑުގެ ދުއާއަކީ ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މިފަށާ މަސައްކަތްތަކުގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ބަރަކާތްލެއްވުން. ދިވެހި ޤައުމު އަމާންކަންމަތީ ލަވަހައްޓަވާށި! ވައްސަލާމް ޢަލައިކުމް."
ސީޕީ މުޙައްމަދު ހަމީދުގެ ވާހަކަފުޅު އަޑު އެއްސެވުމަށް: