އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ ދީލަތި އެހީތެރިކަމާއެކު ދޫނިދޫގައި ޤާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިއްޔެ ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މި ސެންޓަރު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެލިޔާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު ޢަލީ އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ދަމާސް އާއި އެމްޓީސީސީގެ އިސް މުވައްޒަފުންގެ އިތުރުން މެރިން ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި މެރިން ޕޮލިސްގެ ފްލީޓްއަކީ ބޮޑު ދަޢުރެއް އަދާކުރާ ބައެއްކަމަށާއި މެރިން ޕޮލިސްގެ އުޅަނދުތައް އަބަދުވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ކޯޕަރޭޓިވް ދާއިރާއާ އޮންނަ ގުޅުމުގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ މަޤުޞަދުތައް ހާސިލްކުރުމަށް އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން އަބަދުވެސް ފުލުހުން ބަލައިގަންނަކަމަށާއި މި ސެންޓަރު ޤާއިމްކުރުމަށް އެލިޔާގެ ފަރާތުންނާއި އެހެން ކުންފުނިތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު މި ސެންޓަރުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ އޮޕަރޭޝަނަލް ރެޑިނަސްގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މެރިން ޕޮލިސްއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ދެމުންދާ ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ހިމެނިގެން ދެމުންދާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ބަދަލުވަމުންދާ މުޖުތަމަޢުގައި ފުލުހުންގެ މިޝަން ހާސިލްކުރުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމުކަމެއް ދީގެން މަސައްކަތްކުރާއިރު، މިފަދަ ސެންޓަރެއް ޤާއިމްވެފައިހުރުމަކީ ފުލުހުންގެ މުއައްސަސާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސެންޓަރަކަށް ވެގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ދޫނިދޫގައި ޤާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރުން އިންޖީން އޯވަހޯލް ކުރުމުގެ އިތުރުން އިންޖީނުގެ ހުރިހާ މަރާމާތެއް ކުރެވޭނެއެވެ. އަދި ސެންޓަރުގައި ހަރަކާތްތެރިވަމުންދާނީ މެރިން ޕޮލިސްގެ މެރިން އިންޖިނިއަރިންގ ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ކަމާގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ދީފައެވެ.
އެލިޔާ އިންވެސްޓްމަންޓުން އިސްނަގައިގެން އެކުންފުނީގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރި މި ސެންޓަރުގެ މަސައްކަތްތަކަށް އެމްޓީސީސީ އާއި ހަސަން މެރިން އާއި ދަމާސްގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. ސެންޓަރުގެ ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.