މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައިފާސްކޮށް، ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދެ ފިރިހެނުންނާއި 34 އަހަރުގެ ފިރިހެނެއްކަމަށެވެ.
މި ތިން މީހުންނަކީވެސް ދިވެހިންނެވެ. މިތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އޭޕްރީލް 1 ވަނަ ދުވަހުގެ 14:11 ހާއިރު ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލެއިން މާލެ އައި ޓެކްސީ ހުއްޓުވައި ބަލައިފާސްކުރިއިރު ކާރު ޑިކީ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 48 ފުޅި ފެނިފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.