ސިޔާސީ ބޭނުންތަކަށްޓަކައި އިސްލާމް ދީނުގެ ކަރާމާތް ނަގައިނުލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބުނެފައިވަނީ ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިންނަކީ ﷲ ތާޢާލާ އެންމެ ބޮޑަށް ނަހީ ކުރައްވަވާފައިވާ ކަންކަން ކުރައްވާ ބޭފުޅުން ކަމަށް ތުހުމަތު ކުރުމަކީ ރާއްޖޭގައި އިސްލާމް ދީން ނަގަހައްޓައި ކުރިއަރުވަން މަސައްކަތް ކުރައްވަން ތިއްބެވި ދީނީ އިލްމުވެރިންގެ މަސައްކަތްޕުޅުތައް ބަލައިގަތުމަށް ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ނަތީޖާ ހީވެސް ނުކުރެވޭފަދަ ނިކަމެތި ގޮތަކަށް ފެނިގެންދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ބަވަނަވެފައިވާ ދުނިޔޭގައި އިސްލާމް ދީނަށް ކުރިމަތިވަމުންދާ މައްސަލަތަކުން ދިވެހި ރައްޔިތުން ސަލާމަތްކޮށް ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ދީނީ ޢިލްމުވެރިން ގެންދަވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވިފައި މިއޮންނަނީ ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ ވަރަށް ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ޤަބޫލުކޮށް އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ކިޔަވައި ދެއްވަން އެންމެ އިސްކޮށް ތިއްބެވި ބައެއް ޢިލްމުވެރިންނާއި ޚާއްޞަކޮށް ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ފެކަލްޓީގައި އެންމެ އިސްކޮށް ތިއްބެވި ދީނީ ޢިލްމުވެރިންނާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރާއި މިހާރުގެ އިސްލާމިކް މިނިސްޓަރާއި އަދިވެސް ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމްވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް އެބޭފުޅުންގެ އިތުބާރާއި ކަރާމާތް ކެއްލިގެންދާ ގޮތަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާ ކަމަށާއި އެފަދަ ގޮތަކަށް ކުރާ ކޮންމެ ކަމަކާއި ދެކޮޅަށް ޖުމްހޫރީ ޕާޓީން އަބަދުވެސް ދާނީ ޙައްޤު ބަސް ބުނަމުންނެވެ. ރާއްޖޭގައި އިސްލާމް ދީން ދިފާޢުކުރަން ކުރަން ޖެހުނު މަސައްކަތްތަކުގައި އަބަދުވެސް ޖުމްހޫރީ ޕާޓީން ވާނީ ޙައްޤު ބަސް ބުނެފައި ކަމަށާއި އަދި ޤާނޫނު އަސާސީ ޑްރާފްޓް ކުރިއިރު ހިމަނާފައި ނެތިވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިންނަވައިގެން ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ ޤާނޫނު އަސާސީގައި ހިމަނުއްވައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރައްވާފައިވާކަން މިފުރުޞަތުގައިވެސް ފާހަގަކުރަމެވެ.
"ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރަނީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމް ދީން ކުރިއަރުވަން. ރާއްޖެއަށް ކުރިއެރުން ލިބޭނީ ދިވެހިންގެ ޤައުމިއްޔަތާއި އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރެވުނު މިންވަރަކުން ކަމަށް މިޕާޓީން އަބަދުވެސް ޤަބޫލުކުރަން." ކަމަށް ވެސް ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.
ސިޔާސީ ލީޑަރުން ނަމަވެސް ރާއްޖޭގައި އިސްލާމް ދީނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ކަމެއް ކުރާނަމަ އެކަމެއް ބައްލަވައި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަޅުއްވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.