ތުއްތު ކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން މާލޭ މަގުމަތީގައި ދުއްވައިފި!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ތުއްތު ކުއްޖަކު ސައިކަލު ވަށިގަނޑަށް ލައިގެން މާލޭ މަގުމަތީގައި ދުއްވައިފި!

ރާއްޖޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ޤަވާއިދާއި ޚިލާފަށް އުޅުމުގެ ރިކޯޑު މުގުރާލާފައި ތިބޭ ބައެކެވެ. ޚާއްސަކޮށް އެއްގަމު އުޅަނދުފަހަރު ދުއްވާފައިދާއިރުއެވެ.

 

ކުޑަކުއްޖަކު ލައްވާ މަގުމަތީގައި ސައިކަލު ދުއްވިކަން ފެންމަތިވިތާ މާގިނަ ދުވަހެއް ނުވެ، އަނެއްކާވެސް މިވަނީ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލެއް ހިންގިކަން ހާމަވެފައެވެ. މިފަހަރު ދިޔައީ ތުއްތު ކުއްޖަކު ސައިކަލު ވަށިގަނޑު ތެރެއަށް ލައިގެންނެވެ.

 

މެދު އުމުރުފުރައިގެ ފިރިހެނަކު އުމުރުން ގާތްގަނޑަކަށް ދެ އަހަރުވަރުވާ ތުއްތު ފިރިހެން ކުއްޖަކު، ސައިކަލުގެ ވަށިގަނޑަށް ލައިގެން ދުއްވާފައި ދިޔަ މަންޒަރު ބަޔަކު ވަނީ ވީޑިއޯ ކޮށްފައެވެ.

 

އެވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުގައި އެމީހާ ދުއްވާފައި ދަނީ އާޓިފިޝަލް ބީޗު ސަރަޙައްދުން ކަމަށް ބެލެވެއެވެ.

 

ތުއްތު ކުއްޖާ ވަށިގަނޑަށް ލައިގެން ދުއްވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި ނުރުހުން ފާޅު ކުރަމުންނެވެ.

 

މިހާދިސާ ހިނގާފައިވަނީ އިއްޔެ ރޭގެ ވަގުތަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާއިމެދު ކަމާއިބެހޭ ފަރާތަކުން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނުވަތަ އެމައްސަލަ ފުލުހުންނަށް ހުށަހެޅިކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

މިފަދަ އަމަލުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލަކަށްވާއިރު އެހާމެ ނުރައްކާތެރި ވެސް ކަމެކެވެ. މަގުމައްޗަށް ތިމާ ކިތަންމެ ފަރިތަ ނަމަވެސް ކަމެއް ވާނީ ބުނެފައެއް ނޫންކަން އަބަދުވެސް ހަނދާން ކުރަން ވާނެއެވެ. ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް ވިސްނަން ވާނެއެވެ.

މިއަދު އޮންލައިން