ސައިކަލު ވަށިގަނޑަށް ކުޑަކުއްޖެއް ލައިގެން ދުއްވީ ފުލުހެއް، އޭނާއާއިމެދު ފުލުހުން ދަނީ ފިޔަވަޅު އަޅަމުން!

ކިޔުމަށް ހޭދަވާނީ 1މ 10ސ
ސައިކަލު ވަށިގަނޑަށް ކުޑަކުއްޖެއް ލައިގެން ދުއްވީ ފުލުހެއް، އޭނާއާއިމެދު ފުލުހުން ދަނީ ފިޔަވަޅު އަޅަމުން!

ސައިކަލެއްގެ ވަށިގަނޑު ތެރެއަށް ކުޑަކުއްޖަކު ލައިގެން ދުއްވީ ފުލުހެއް ކަމަށާއި އޭނާއާއިމެދު މިހާރު ފިޔަވަޅު އަޅަމުންދާ ކަމަށް އެމުއައްސަސާއިން ބުނެފިއެވެ.

 

ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ޕޮލިސް އިންސްޕެކްޓާރ އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ، ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ދައުރުވަމުންދާ ވީޑިއޯގައި ކުޑަކުއްޖަކު ސައިކަލުގެ ވަށިގަނޑަށް ލައިގެން ދުއްވާފައިވަނީ ފުލުހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

އިޒްމިއާ ވިދާޅުވެފައިވަނީ ތުހުމަތު ކުރެވޭ ފުލުސް މީހާގެ ލައިސެންސް ހިފެހެއްޓުމަށް ޓްރެފިކް ޕޮލިހުން މަސައްކަތް ކުރަމުންދާއިރު ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވާގޮތަށް އަމަލު ކުރި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ވެސް ބަލަމުންދާ ކަމަށެވެ.

 

ކުޑަކުދިންނާއި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ވެހިކަލް ދުއްވުން މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ކުއްވެރި ކުރާ ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވެފައިވެއެވެ.

 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ސައިކަލުގެ ވަށިގަނޑަށް ކުޑަ ފިރިހެން ކުއްޖަކު ލައިގެން ދުއްވާފައި އެމީހާދަނީ ރިންގް ރޯޑުން، އާޓިފިޝަލް ބީޗާއިވީ ސަރަޙައްދުން ދެކުނަށެވެ.

މިއަދު އޮންލައިން