ގިނަ ބައަކަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބެނީ އެންމެ ގާތުގައި ތިބޭ ބައަކު ކެހިދިނުމުންނެވެ. އެންމެ އިތުބާރުކުރާ މީހުން ޚިޔާނާތްތެރިވުމުންނެވެ. އެންމެ ފުރިހަމަ މިސާލަކަށް ދެއްކޭނީ އަނބިމީހާ، ފިރިމީހާ، އެންމެ ގާތް ރަޙްމަތްތެރިޔާ ފަދަ މީސްމީހުންނެވެ. މިފަދަ އެއްވެސް މީހެއްގެ ކިބައިން ކެއްސެއް ލިބިދާނެކަމަށް، މިފަދަ އެއްވެސް މީހަކު ޚިޔާނާތްތެރިވެދާނެ ކަމަށް ޤަބޫލުކުރުމަކީ ހަމައެކަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އެފަދަ މީހަކު ކެއްސެއް ދިނުމުން ނުވަތަ ޚިޔާނާތްތެރިވުމުން އެހައި ބޮޑު މާޔޫސްކަމެއް ލިބެނީ ވެސް ކުރެވިފައި އޮންނަ އިތުބާރުގެ ބޮޑުކަމުންނެވެ.
އެހެންކަމާއިއެކުވެސް މިއީ މެދުވެރިވާ ކަމެކެވެ. މިފަދަ ހާލަތްތައް މެދުވެރިވުމުން އެކަމުގެ ޝިކާރައަކަށްވެ މާޔޫސްވުމުގެ ބަލީގައި ފަރުވާ ހޯދަމުން ގެންދާ މީހުން އަދަދު އެތައް މިލިއަނަކަށް އަރައެވެ.
ޑަބްލިޔޫއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރުވެސް މާޔޫސްވުމުގެ ބައްޔަށް ފަރުވާ ހޯދަމުންދާ 300 މިލިއަނަށްވުރެ ގިނަ މީހުން ދުނިޔޭގައި އެބަ ތިއްބެވެ. އެމެރިކާއަށް ބެލި ނަމަވެސް މިބައްޔަށް ފަރުވާ ހޯދާ 16.2 މިލިއަން މީހުން މިހާރުވެސް އެބަތިއްބެވެ. މިއީ ޤައުމުގެ އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ 6.7 އިންސައްތައެވެ.
މިބަލީގައި ދެވޭ ބޭހުން މީހާގެ ސިކުނޑި ގަމާރުކޮށްލާތީ އެވަގުތު ލުޔެއް ލިބޭކަމަށް ޤަބޫލުކުރެވުނު ނަމަވެސް ހަޤީޤަތުގައި އެއްވެސް ބޭހަކީ މިބައްޔަށް އޮތް ފަރުވާއެއް ނޫނެވެ. މީހާގެ ހިތްވަރާއި އަޒުމާއި ނުލައި ހަމައެކަނި ބޭހުން މިބަލި ރަނގަޅު ކުރެވުނު މީހަކު ނިކަން ދައްކައިބަލާށެވެ. މިބަލީގެ ޙަޤީޤީ ފަރުވާއަކީ މީހާގެ އަޒުމެވެ. ހިތްވަރެވެ. އަހަރެމެން މުސްލިމުން ޤަބޫލުކުރަނީ މީހާގެ އީމާންކަން ކަމަށެވެ.