މިހިނގާ އޭޕްރިލް މަހުގެ ހައެއްވާ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލާން ކިޔޫގައި ގިނައިރު ތިބެން ނުޖެހޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މިކަމާއި ގުޅޭގޮތުން އެކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ގިނައިރު ކިޔޫގައި ތިބެން ޖެހުމުގެ މައްސަލަ މި އިންތިޚާބުގައި ދިމައެއް ނުވާނެ ކަމަށާއި އިންތިޚާބުގެ ތަޖުރިބާ އަށް ބަލައި ކިޔޫ ކުޑަވާނެ ގޮތަށް އިންތިޒާމްތައް ބަދަލުކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކިޔުގައި ގިނައިރު މަޑުކުރަން ޖެހުނީ ޓެބްލެޓުން ލިސްޓު ޗެކް ކުރަމުން ދިޔައިރު، ދިމާވި ނެޓްވޯކު މައްސަލަތަކުގެ ސަބަބުންނެވެ.
"މިފަހަރު ޓެބްލެޓުން ލިސްޓް ބަލަމުންދާ އިރު ނެޓްވޯކްގެ މައްސަލައެއް ދިމާވިއަސް އޮފްލައިންކޮށް ލިސްޓު ބެލޭނެ. އޭގެ އިތުރުން އެއް ފޮށްޓަކަށް އެންމެ ގިނަ އިން ވޯޓު ލާ އަދަދަކީ 1،000 މީހުން ކަމަށް ހަމަޖައްސާފައި ވަނީ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އެއް ފޮއްޓަކަށް 700 އަށް ވުރެ ގިނަ މީހުން ވޯޓުލާނަމަ، އެއް ފަހަރާ ދެ މީހުންނަށް ވޯޓު ލެވޭ ގޮތަށް އިންތިޒާމްތައް ވަނީ ބަދަލުކޮށްފަ އެވެ. ވޯޓު ފޮށީގެ އަދަދު އިތުރުކޮށް މި އިންތިޚާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެ އެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އަދި އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.