އައްޑޫ ސިޓީ ސްކުއެރ ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އައްޑޫ ސިޓީ ސްކުއެރ ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށައިފި

އައްޑޫ ސިޓީ ސްކުއެރ ތަރައްޤީކޮށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށައިފިއެވެ.

ސިޓީ ސްކުއެރ ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ރަސްމީކޮށް ފެށުނުކަން އިޢުލާންކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤެވެ.

ސިޓީ ސްކުއެރ ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައި ދެއްވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ ސިޓީ ސްކުއަރ ތަރައްޤީ ކުރުމުގެ މަޝްރޫއަކީ ސަރުކާރުން އައްޑޫގެ ތަރައްޤީ ކުރައްވަންހުރި ކަންކަމުގެ ފެށުން ކަމަށާއި ކުރިއަށް ހުރި ދުވަސްތަކުގައި އެހެނިހެން ގިނަ މަޝްރޫޢުތަކެއް ފެށިގެން ދާނެ ކަމަށެވެ.

ސިޓީ ސްކުއެރ ތަރައްޤީކޮށް އައްޑޫގެ ތަރައްޤީއަށް އަށް ހިންގޭ ބޮޑެތި މަޝްރޫޢުތައް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. ސިޓީ ސްކުއެރ ސަރަހައްދު ނުބެލެހެއްޓި ފަނާވަމުންދަނިކޮށް އައްޑޫގެ ކުރިއެރުމަށް އެތަން ބިނާކޮށް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. މިއަދު މިފެށުނު އެ މަސައްކަތަކީ އައްޑޫގެ ވަރަށް ގިނަ ރައްޔިތުން އެދިއެދި ތިބި ކަމެކެވެ.

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާ ޖެހިގެން އައްޑޫ ސްޓޭޓް ހައުސް ކުރިމަތިން އޮތް ބިމުގައި ސިޓީ ސްކުއަރ ފުރަތަމަ ހަދާފައިވަނީ 2011 ވަނަ އަހަރު ސާކު ސަމިޓާއި ގުޅުވައިގެން ރައީސް ނަޝީދުގެ ސަރުކާރުންނެވެ. ސިޓީ ސްކުއަރ ހެދުމަށް ފަހު އެއަހަރުގެ ޖުމްހޫރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އެތާ ބާއްވާފައިވެއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން އެތަނާމެދު އަޅާނުލާ އެތަންވަނީ ވީރާނާކޮށްލާފައެވެ.

ސިޓީ ސްކުއެރ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރެވޭ މަސައްކަތަކީ ސިޓީ ސްކުއެރ ގެ ބޮޑު ދިދަ އަލުން ނެގުމުގެ މަސައްކަތެވެ. މިމަސައްކަތުގެ އަމަލީ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ. މިމަސައްކަތް ނިމުނުހާ އަވަހަކަށް ވަރަށް ޚާއްސަ ރަސްމީއްޔާތަކާއެކު ކޯއްޓޭއަށް ދިދަ ނެގޭނެއެވެ. އަދި ދިވެހި ޤައުމީ ދިދަ އައްޑޫގެ ޖައްވުން ވިހުރެވޭ އުފާވެރި މަންޒަރު އަލުން ފެނިގެންދާނެއެވެ.

 

މިތަން ތަރައްޤީކޮށް ނިމޭއިރު މިތަން ވެގެންދާނީ ކުދި ބޮޑު އެންމެންނަށް ހިތްފަސޭހެކަމާއެކު އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭފަދަ ހިތްގައިމު މާހައުލަކަށެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް ހިތްހަމަޖައްސާލެވޭފަދަ އާންމު މައިދާނަކަށެވެ.

މިއަދު އޮންލައިން