މިމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީ އިން ބުނެފައިވަނީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 74 ވަނަ ނަންބަރުގެ 11 ގެ (ހ) ގެ ދަށުން އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެކަމަށެވެ.
އަދި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރާކަމަށާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު ފޯރުކޮށްދިނުމަކީ އިންތިޚާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނޭ އެންމެ މުހިންމުކަމެއްކަމަށް އޭސީސީ އިން ވަނީބުނެފައެވެ.
މީގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުންއިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް (ނާޖާއިޒުފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން)ހިނގާ/ހިނގަންއުޅޭ/ހިނގައިފި ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއްލަސްނުކޮށް އެކޮމިޝަނަށް ރިޕޯޓްކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.
އިންތިޚާބާ ގުޅިގެން ހިނގައިފާނެ ކޮރަޕްޝަން ޢަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާކަމަށާއި އަދި އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމާއި، އެކަންކަމަށް ޚާއްސަގޮތެއްގައި ފާރަވެރިވެ، އެފަދަ ޢަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމަށް އެދިފައިވާނެކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފައެވެ.