އިމްޕޯޓް އެކްސްޕޯޓް މުދަލަށް ހުށަހަޅާ ލިޔެކިއުން ނިންމުން މިހާރަށްވުރެ ހަލުވިކުރުމަށްޓަކައި ޑިކްލަރޭޝަން ނިންމާ "ސާރވިސް ސްޓޭންޑެޑް" ނުވަތަ ޚިދުމަތުގެ މިންގަނޑު މުރާޖަޢަކޮށް އަލުން ކަސްޓަމްސް އިން އެކުލަވާލައިފިއެވެ.
ޚިދުމަތުގެ މިންގަނޑުގައި ހިމެނެނީ ޑިކްލަރޭޝަނެއްގައި ހިމެނޭ އައިޓަމްތަކުގެ އަދަދު ނިސްބަތުން އެ ޑިކްލަރޭޝަނެއް ކަސްޓަމްސްއިން ނިންމައި ދިނުމަށް އެންމެ ގިނަވެގެން ހޭދަވާނެ ކަމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ވަގުތެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މި ފަދަ މިންގަޑެއްގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓްއާއި ގުޅޭ ކަންކަން ދުރާލާ ރޭވުމާއިއެކު، ވިޔަފާރިީގެ ޙަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެކަމަށާއި މީގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިދިނުމުގައި އަވަސްވެ ކަސްޓަމްސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ހާމަކަން އިތުރުވެގެންދާނެކަމަށެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ ޚިދުމަތުގެ މިންގަނޑުގައި ކަނޑާއަޅާފައިވާ ވަގުތުތަކަށް ޑިކްލަރޭޝަން ނިންމައި ދެވޭނީ ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޑިކްލަރޭޝަން ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަވާނަމައެވެ.
ޑިކްލަރޭޝަނެއް ކަސްޓަމްގައި ރަޖިސްޓަރީ ވުމުން އެ ޑިކްލަރޭޝަނެއް ނިންމައި ދިނުމަށް އެންމެ ގިނަ ވެގެން ހޭދަވާނެ ވަގުތު، މުދާ އިމްޕޯޓް ކުރައްވާ ފަރާތްތަކަށާއި ކަސްޓަމްސް ބްރޯކަރުންނަށް އެބޭފުޅެއްގެ ޕޯޓަލް މެދުވެރިކޮށް ބަލާލެވެން ހުންނާނެއެވެ.
ކަނޑުމަގުން އަންނަމުދަލަށް ހުށަހެޅޭ ޑިކްލަރޭޝަންތަކުގެ ޚިދުމަތުގެ މިންގަނޑު.

ވައިގެމަގުން އަންނަމުދަލަށް ހުށަހެޅޭ ޑިކްލަރޭޝަންތަކުގެ ޚިދުމަތުގެ މިންގަނޑު
