ވިސްނުންތެރިކަމާއެކު މެންބަރުން އިންތިޚާބު ނުކޮށްފި ނަމަ މިނިވަންކަމާ އިސްތިޤްލާލް އަދި އިސްލާމް ދީން ބީވެގެންދިއުމުގެ ބިރު ބޮޑު: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ވިސްނުންތެރިކަމާއެކު މެންބަރުން އިންތިޚާބު ނުކޮށްފި ނަމަ މިނިވަންކަމާ އިސްތިޤްލާލް އަދި އިސްލާމް ދީން ބީވެގެންދިއުމުގެ ބިރު ބޮޑު: ޤާސިމް

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައި ކަމަށާއި އެހެން ނޫންނަމަ ޜާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް އަދި މިނިވަންކަން ހިމާޔަތް ނުކުރެވި ބީވެގެން ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ ކަންކަން މިހާރު ގޮސްފައިވާ ހިސާބުން ފަސާދަކުރުމަކީ ކޮބައިކަމާއިމެދު ސުވާލުތައް އުފެދިފައިވާ ކަމަށެވެ. އިސްލާމް ދީނުގައި ހައްދު ކަނޑއެޅިފައިވާ ފާފަތައް ކުރުމަށް ހިތްވަރުދިނުމުގެ އިތުރުން ރާއްޖޭގައި ތިއްބެވި އެންމެ މަތީ ފެންވަރުގެ ގިނަ އަދަދދެއްގެ ދީނީ ޢިލްމުވެރިންނަކީ އެއްޖިންސުން ގުޅުން ހިނަގާ ބައެއް ކަމަށް ބުނެ ވާހަކަ ދެއްކުމަށްވުރެ ބޮޑު ފަސާދައަކީ ކޮބައިކަމާއިމެދު ސުވާލު ކުރައްވާ ކަމަށެވެ. ހަމަ އެއާއެކު ކޮންމެ ފެންވަރެއްގެ ކޮންމެ މީހަކު ނަމަވެސް މިފަދަ އަމަލުތައް ކުރާއިރު ކަމާއިބެހޭ މުއައްސަސާތަކުން އެކަންކަން ބަލަން ޖެހޭނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ކަމަށާއި އެއް ބައަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ނުވަތަ ލިބުމުން ކަންކަން ވާ ގޮތް އަބަދުވެސް މިދަނީ ފެންނަމުން ކަމަށާއި ރައްޔިތުން މިގެންދަނީ އެކަންކަން ތަޖުރިބާ ކުރަމުން ކަމަށެވެ. އަދި އެގޮތަށް އެއް ބައަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ނުކުރުވޭނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ކޯލިޝަނުގައި ހިމެނޭ 4 ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ކުރީ ސަރުކާރުގެ ކެބިނެޓަށް އަހްމަދު އަދިބު ވެއްދުވީ ކާކުކަމާއި ކީއްކުރަންކަން މިހާރު މިވަނީ އެކަން ކުރި މީހާގެ އިއްތިރާފުން ވަރަށް ރަނގަޅަށް އެނގިފައި ކަމަށެވެ. ކުށެއް ކުރާނެކަން އެނގިހުރެ ކުށްކުރަން މަގުފަހިކޮށް ދިނުމަކީވެސް ކުށެއް ކަމަށާއި ކުށް ކުރި މީހާއަށް އަދަބުދޭ ފަދައިން އެކަމަށް އެހީތެރިވި މީހަކަށްވެސް އަދަބު ދިނުމަށް ޤާނޫނުގައި އޮންނަ ކަމަށެވެ. "އަދީބުގެ ފޯނު ވެސް، އަދި ލެޕްޓޮޕްވެސް ލިބުނީ ހަމަ އެމީހަކަށް. އެހެން މީހަކަށް ނުލިބުނު. ވީމާ އަދީބު ގޭބަންދަށް ބަދަލުކުރި ސަބަބުވެސް މިއޮތީ މިހާރު ފެންނަން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

"އަޅުގަނޑަށް ނިޞްބަތްކޮށް ތަފާތު ގޮތްގޮތަށް އެއްޗެތިކިޔަމުން ގެންދާއިރު އެމްޑީޕީ މެނަބަރަކަށް އެތައް ބައިވަރު މިލިއަނުން ރުފިޔާ ދޭންވީމާ ކޯޓުތަކުގެ 3 މަރުހަލާ ނިންމާކަށްވެސް ނުޖެހޭ. ހަމަ ދެނީ. އެހެން މީހަކަށް ދޭން ޖެހޭ އެއްޗެއް 3 މަރުހަލާއިން ނިންމީމާވސް މިބުނަނީ މުދާބަހަންޖެހޭ ވާހަކަ. ކޮބައިތޯ އިންޞާފަކީ؟" 

ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ އެންމެ ދެރަ ނިކަމެތި މީހާއަށް ނަމަވެސް އިންޞާފު ލިބެން ޖެހޭ ކަމަށެވެ. "ޝަރުޢީ ނިޒާމަށް ފާޑުކިޔާއިރު ޝަރުޢީ ނިޒާމު ރަނގަޅުކުރަން ކީއްތޯ ކޮށްދިނީ؟ މަސައްކަތް ކުރާނެ ޖާގަ ދެވިއްޖެތޯ؟ މީހުން ތަމްރީނުކުރެވޭތޯ؟ ވަސީލަތް ދެވޭތޯ؟ އެކަންކަން ފުރިހަމަ ނުވާތީ ކޮންމެ ފަނޑިޔާރެއްގެ އަތުގަ އެތައް ސަތޭކަ މައްސަލަތަކެއް މިހާރުވެސް އެބަހުރި. މައްސަލަތައް ނުބެލޭތީ ވާނުވާ ޖަހާފަ ހަތަރު އަހަރުވީ މީހުން މިހާރުވެސް އެބަތިބި. މިއުޞޫލުން ކަންކަންކޮށް އަނިޔާކުރުން ހުއްޓުވަން ކޯލިޝަނުން ވެރިކަމަށް އައީ." 

ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައި ހުރި ބިލްތަކުގެ ތެރޭގައި ވެސް ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން ހުރި އަދި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ބިލްތައް އެބަހުރި ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީއަށް މަޖިލީހުގައި އެއްވެސް ބާރެއް ލިބިއްޖެ ނަމަ ރައްޔިތުންނަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް މަޖިލީހުން ފާސްވިއަކަ ނުދެއްވާނެ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. 

- ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):

 

މިއަދު އޮންލައިން