ޤައުމަށްޓަކައި ކަމެއް ކުރާނަމަ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ ފައިދާއަށް!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ޤައުމަށްޓަކައި ކަމެއް ކުރާނަމަ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ ފައިދާއަށް!: ޤާސިމް

ޤައުމަށްޓަކައި ކަމެއް ކުރާނަމަ ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ ހުރިހާ ރައްޔިތުންގެ ފައިދާއަށް ކަމަށާއި އެހެން ނޫންނަމަ ގައުމުގައި އެއްވެސް ހަމަޖެހުމެއް ނުއޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމް ރޭ ވިދާޅުވީ މިހާރު ފެންނަމުން ދަނީ ކޮންމެ ކަމެއްވެސް ވަކި ބައަކަށް އަމާޒުކޮށްގެން ކުރަން މަސައްކަތްކުރާތަން ކަމަށާއި އެގޮތަށް އެކަންކަން ވިއަ ނުދެއްވާނެ ކަމަށެވެ. ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައި ދެއްވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. "މަޖިލީހުގައި މިހާރުވެސް 13 ވަރަކަށް ބިލު އެބައޮތް. އެބިލުތަކުގައި ހުރި ކަންކަމަކީ ވަރަށް ބޮޑަށް ވިސްނައި ބަލަން ޖެހޭ ކަންކަން. ނޫނީ އެކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ." 

"މިހާރު އެބަހުރި ވަރަށް ޒާތީގޮތުން ކަންތައްތައް ބްލޮކް ކުރުމުގެ ބާރުތައް ލިބޭގޮތަށް އިންތިގާލީ އަދުލުގެ ގާނޫނު ހެދުންކަހަލަ ވަރަށް އެހެން ކަހަލަ ބިލްތަކެއް، ރައްޔިތުން ވިސްނަންޖެހޭ. މިކަންތައްތައް ރާސްޓަސްލާފަ ދާނެ މުޅިތަނުގަ ފަސާދަ އުފެދިގެންދާގޮތަށް އެ ބިލްތައް މަޖިލިސް ތެރެއިން ފާސްވެގެންދާ މަންޒަރު ދެކެން ބޭނުން ނުވާތީ މިވާހަކަ ރައްޔިތުންގާތު މިދައްކަނީ. ބޮޑު މަންޒަރު އެބަ ވަރަށް ސާފުވޭ. ވަރަށް ރީތިކޮށް އެކަން ސާފުވޭ. ރައްޔިތުން ވަރަށް ވިސްނުންތެރި ކަމާއެކު ވޯޓް ލައްވާތި" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ، ގައުމުގެ މިސްރާބު ވަކި ބައަކު ބަދަލުކުރަމުން އެބަދާ ކަމަށާއި، އެކަން ކުރަމުންދަނީ ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާނެ ގޮތަށް ކަމަށެވެ. ތަޅާފޮޅުމާ ކަންތައްތައް ހިނގާނެ ގޮތަށް ކަމަށެވެ. އަދި ވަކި ބައެއްގެ އަތްދަށުގައި ބާރުވެރިކަން ބޭއްވުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ތަފްސީލްކޮށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާތީ އެކަން ރައްޔިތުންނާ ހިއްސާކުރައްވަން ބޭނުންފުޅު ވީ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، އިސްލާމްދީން ދެމިއޮތުން ބިނާވެފައިވަނީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށާއި، ނޫންކަމަށް ވަންޏާ އެކަންކަން ބީވެގެން ހިނގައިދާނެ ކަމުގެ މަންޒަރުތައް މިހާރު ފެނިވަޑައިގަންނަވާ ކަމަށެވެ. 

ސަރުކާރާއި ދެކޮޅަށް އެމަނިކުފާނު މަސއްކަތްކުރައްވާ ކަމަށް ދައްކާ ވާހަކަތައް ދޮގުކުރައްވައި ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނާއި އަދި ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ނޫން ކަމަށާއި، ޖޭޕީން މަސައްކަތް ކުރަމުން ގެންދަނީ ރައީސުލްޖުްހޫރިއްޔާ އާއި ރާއްޖޭގެ ރައްޔިތުންނާއި އަދި ދިވެހި ޤައުމުވެސް ސަލާމަތްކުރެއްވުމަށް ކަމަށެވެ.

ގާނޫނުއަސާސީގައިވާގޮތުން ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުން، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ބާރުވެރިކަމުގައި ޖުމްހޫރީ ޕާޓީއަށް ކަމެއް ކޮށްދިނުމުގެ ބާރެއް ލިބުން ބިނާވާނީ ޖުމްހޫރީ ޕާޓީން ހޮވިގެންދާ މެމްބަރުންގެ ނިސްބަތެއްގެ މައްޗަށް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން