"ހެޔޮ ކަމެއް ކޮށްދީފައި ކަލަ ގޮވުމަކީ އެކަން ބާޠިލުވާ ކަމެކެވެ. ޒަމާނެއްގައި ހެޔޮ ކަމެއް ކޮށްދީފައި އޮތުމަކީ އެމީހަކު ކުރާ ނުބައި ކަންތަކަށް ލޯމަރައިގެން ތިބެން ޖެހޭ ސަބަބެއް ނޫނެވެ."—ޑރ. މުޙައްމަދު އިޔާޟް
ބައެއް މީހުންނަށް ޤަބުޅުކުރެވިފައި އޮންނަނީ ރައްޔިތުން، މަޤާމަކަށް ހޮވައި އިންތިހާއަށް ބޮޑު މުސާރަ އާއި އިނާޔަތްތައް ދީ އެމީހަކަށާއި އަނބިދަރީންނަށާއި ހުރިހާ ތައްޓެހިންނަށްވެސް ކާން ބޯންދީ އަދި ދުނިޔޭގެ އެންމެ ބޮޑު ޞިއްހީ ޚިދުމަތް ވެސް ރައްޔިތުންގެ ޚަރަދުގައި އެމީހަކަށާއި ޢާއިލާއަށް ފޯރުކޮށްދީ ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދީ މަހަކު 4، 5 މިލިއަން ރުފިޔާ ރައްޔިތުންގެ ފައިސާއިން އެމީހަކަށް ޚަރަދުކުރަމުން ގެންދާއިރު ރައްޔިތުންނަށް ސަރުކާރުގެ ތެރެއިން ކޮށްދޭ ކަންކަން އެއީ އެމީހެއްގެ ހެޔޮކަމުން ކޮށްދޭ ކަންކަން ކަމަށެވެ.
ވަޒީފާ ހަވާލުކުރީ އެމީހާގެ އެދުމުގެ މަތިން، ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ރައްޔިތުންނަށް އެތައް ވައުދުތަކެއްވެ، އެތައް ބައިވަރު އާދޭސްތްކެއް ކުރުމުންކަމާއި ރައްޔިތުންގެ ފައިސާއިން އެހުރިހާ ފައިސާ ޚަރަދުކުރަނީ އެކަންކަން ކުރަން ކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ އެމީހެއްގެ ވަޒީފާކަން އެނގޭ ކަމަކަށް ނުވެއެވެ.
ވެރިކަމުގެ ބާރު ލިބުމުން އަމަލުކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ފަދަ އިޚްލާޞްތެރިކަމާއިއެކުގައި ކަމާއިމެދު އަމިއްލަ ނަފްސާ ސުވާލުކޮށްލާނަމަވެސް ވެރިކަމުގައި ހުރެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވުނު ކަމުގެ ވާހަކަ ދެއްކޭނީ ރާއްޖޭގައި ވެރިކަން ކުރި ކިތައް ވެރިންނަށް ކަމާއިމެދު ސުވާލު އުފެދެއެވެ. "އަމިއްލަ އަންބޮނޑިއަށް ބޮޑުނުވާގޮތަށް"، ގާތް މީހުންނަށް އިސްކަން ނުދީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ވެރިކަން ކޮށްދެވުނީ ކިތައް ވެރިންނަށް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.