މިއަދު ހެނދުނު ރާއްޖޭގެ އެކިކަންކޮޅުތަކުން ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019 ގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވޯޓު ދެއްވައިފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެމަނިކުފާނު ވޯޓު ދެއްވާފައިވާއިރު، މީގެ ގަޑިއިރެއްހާއިރު ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވޯޓު ދެއްވާފައެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށްދާ މިއިންތިހާބުގައި މަޖިލީހުގައި ހިމެނޭ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓުލުމުގެ ޙައްޤު 264،589 މީހުންނަށް ލިބިފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާފައިވަނީ ހަތަރު ޤައުމެއްގައެވެ. އެއީ އިންޑިއާ، ޝްރީލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތެވެ.
މިފަހަރުގެ އާންމު އިންތިހާބުގައި ވާދަ ކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން 85 ކެންޑިޑޭޓުން، ޑީއާރުޕީން ފަހެއް، އަދާލަތު ޕާޓީން ނުވައެއް، ޕީޕީއެމުން 24، އެމްޑީއޭން އަށެއް، އެމްޓީޑީން އަށެއް، އެމްއެލްއެސްޑީޕީން 10 އަދި ކޮންގްރެސް ޕާޓީން 22 ކެންޑިޑޭޓެވެ. ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް ދާއިރާތަކުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ވެސް ބައެއް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެނެސް އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފައެވެ. އެކަމަކު، ނަން އަނބުރާ ގެނައީ ވޯޓު ކަރުދާސް ޗާޕްކުރި ފަހުން ކަމަށް ވާތީ އެ ކެންޑިޑޭޓުންގެ ނަންތައް ވޯޓު ކަރުދާހުގައި ހިމަނާފައިވެއެވެ.