ޓިކްޓޮކަކީ ކޯންއެއްޗެއްކަން ނޭނގޭ މީހުން މިހާރު އަހަރުމެންގެ ތެރޭގައި ވަރަށް މަދުވާނެކަން ހަމަ ޔަގީނެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން ވެސް އެމީހުންގެ ހުންނަ އެކްޓު ކުރުމާއި ނެށުމުގެ ހުނަރު ކުދި ކުދި ވީޑިއޯތަކުން ދައްކުވައިދޭ، ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދާފައިވާ އެޕްލިކޭޝަނެކެވެ. ރާއްޖޭގައިވެސް މިއެޕް ބޭނުން ކޮށްގެން ތަފާތު އެކިއެކި ވީޑިއޯތައް ހަދާ މީހުން މަދެއް ނޫނެވެ.
ނަމަވެސް ޓިކްޓޮކް ކުޅޭއިރު ބައެއް މީހުން ހައްދުން ނައްޓައިގެން ދާތަން ފެނުމަކީ ހިތާމަހުރި ކަމެކެވެ. މިއަދު ވެސް މިވަނީ އެފަދަ ވީޑިއޯއެއް ފެންމަތިވެފައެވެ. ނަމަވެސް މިވީޑިއޯ ކުޅުނީ ދިވެހިންތަކެއް ނޫނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މިވީޑިއޯއިން ފެންނަނީ ރޭގަނޑުގެ ވަގުތަކު ތިން ބިދޭސީ ފިރިހެނުންތަކެއް، އެކަކު އަނެކަކުގެ ގައިގާ އޮޅުލާފައި ލަވައެއްގެ މަންޒަރަކަށް އެކްޓު ކުރާތެނެވެ. އޭގެ ތެރެއިން އެކަކު ހުންނަނީ އަމަލުވެފައި ކަމަށް ވެސް ދައްކައެވެ. ހައިރާންވެ ލޭކެކޭފަދަ އަނެއް ކަމަކަށްވީ، އެމީހުން މިވީޑިއޯ ކުޅުނު ތަނެވެ. މިފަދަ ލަދުވެތި މަންޒަރުތަކެއް އެމީހުން ކުޅެފައިވަނީ މާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލް އައުޒަމް (އިސްލާމީ މަރުކަޒު) ގައެވެ.
އެނގިފައިވާ ގޮތުގައި މިވީޑިއޯ ކުޅެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން ފިރިހެނެކެވެ. ގިނަ މުސްލިމުން ދިރިއުޅޭ އެޤައުމުގެ ތިން ރައްޔިތަކަށް މިސްކިތެއްގެ ހުރުމަތް ނޭނގުމާއި މިފަދަ ލަދުވެތި ގޮތްގޮތަށް އުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގުމަކީ ހިތާމަހުރި ކަމެކެވެ. އަދި މިފަދަ މަންޒަރުތައް އެމީހުން ކުޅުނުއިރު، އެކަން ހުއްޓުވާނެ މީހަކުވެސް އެތަނުގައި ނެތުމަކީ މާބޮޑަށް ހިތާމަހުރި ކަމެކެވެ.