މަތިވެރި ކާޒާ މިއާ ގެސްޓް ހައުސް އެނދި ރޭ ކޮޓަރިއަކުން 3 ފުޅި ބަނގުރާ ފެނުނު!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
މަތިވެރި ކާޒާ މިއާ ގެސްޓް ހައުސް އެނދި ރޭ ކޮޓަރިއަކުން 3 ފުޅި ބަނގުރާ ފެނުނު!: ފުލުހުން

އއ. މަތިވެރި ކާޒާ މިއާ ގެސްޓް ހައުސް އެނދި ރޭ ފުލުހުން އެތަން ހުސްކުރަން އުޅުމުގެ ތެރޭގައި ގެސްޓް ހައުސްގެ ކޮޓަރިއަކުން 3 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބަނގުރާފުޅިތައް ފެނުނު މައްސަލަ ތަޙްޤީޤް ކުރަމުން ގެންދާ ކަމަށެވެ. އެތަނުގައި އަލިފާން ރޯވަން މެދުވެރިވި ސަބަބު ހޯދަން ވެސް ފުލުހުން ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ. ގެސްޓް ހައުސްގައި ހިނގި އަލިފާނުގެ ހާދިސާއަކީ މަތިވެރީ ކައުންސިލާއި ރައްޔިތުން ކުރި ކަމެއް ކަމަށް ކުރާ ތުހުމަތު އެރަށު ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.

ކާޒާ މިއާ ގެސްޓްހައުސްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަތިވެރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވައިވަނީ އަލިފާނުގެ ހާދިސާ ހިނގި ގެސްޓްހައުސްއަކީ ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް 10 އަހަރުގެ މުއްދަތަށް ކ.މާލެ، ހ. މާކޮށާރުގެ، އަބްދުއްރައްޒާގު އަލީއަށް ކުއްޔަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ގެސްޓްހައުސް ހިންގަނީ ކ.މާލެ، ހ. ތިމާވެށި، އަބްދުﷲ ޖާބިރުކަން އެކައުންސިލަށް އެނގިފައިވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވައިވަނީ ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގައި މަތިވެރީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަށް ލާޒިމް ކޮށްފައިވާއިރު އެފުރުސަތު ޒުވާނުންނަށް ނުލިބޭ ކަމަށެވެ. އަދި ބިމުކުލި ގަވާއިދުން ދައްކަމުންވެސް ނުދާ ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކޮށް ބިމާއި ބިމުގައި ހުރި އިމާރާތާއި މުދާ އަލުން އަނބުރާ ކައުންސިލަށް ނެގުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މަތިވެރީ ކައުންސިލުން ބުނެފައިވަނީ ގެސްޓްހައުސްގައި ހިނގައިދިއަ އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރު ގެސްޓްހައުސް ހިންގާ ފާރާތް ކަމަށްވާ އަބްދުﷲ ޖާބިރު ބައެއް މީޑިއާތައް މެދުވެރިކޮށް މަތިވެރި ކައުންސިލާއި، ރައްޔިތުންނާ ދޭތެރޭ މަސްލަހަތު ނަގާލައި، ކައުންސިލާއި ރައްޔިތުން ބަދުނާމު ކުރުމަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި ހަގީގަތް އޮޅޭގޮތަށް ހަމައެކަނި ޖާބިރުގެ ވާހަކަތަކުން ޚަބަރު ފަތުރަމުންދިއުން ކުށްވެރިކުރާ ކަމަށާއި ގެސްޓްހައުސްގައި ރޯކޮށްލީ މަތިވެރީ ކައުންސިލާއި ރައްޔިތުންކަން ދޭހަވާގޮތަށް ޚަބަރު ފަތުރަމުންދާތީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ

މަތިވެރީ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި މިވަނީ، ގެސްޓްހައުސް ހިންގުމަށް ބިން ކުއްޔަށް ނަގާފައިވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުން އުވާލައި ގެސްޓްހައުސް ހިންގުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާ މަޝްވަރާކޮށް، އެގޮތަށް އަމަލުކުރުމަށް ކައުންސިލުން ފާސްކޮށްފައި ވަނިކޮން ކަމަށެވެ.

އަދި ބުދަ ދުވަހު ގެސްޓްހައުސްގައި މަސައްކަތް ކުރާ މަތިވެރި މީހުންނަށް މުސާރަ ދީފައިވާ ކަމަށާއި ނަމަވެސް ބިމު ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް 7 އޭޕްރީލްގައި ކައުންސިލާ ބައްދަލްކުރާނެ ކަމަށް ސިޓީއަކުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ބިމުކުލި ނުދައްކާތާ މިހާރު 2 އަހަރުވެއްޖެ ކަމަށްވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ތަންތާގައި ހުޅުޖެހުންފަދަ ނާތަހުޒީބީ އަމަލެއް މަތިވެރި ކައުންސިލާއި ރައްޔިތުންގެ ތެރެއިން މީހަކުވެސް ނުކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނާއި މީޑިއާތަކަށް ދޭ ކަމަށްވެސް މަތިވެރީ ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލަރު ޢާޠިފް ވަނީ އަލިފާނުގެ ހާދިސާ ހިނގިއިރު އެތަނުގައި އޭނާ ހުންނެވި ކަމަށް ދައްކާ ވާހަކަތައްވެސް ދޮގު ކުރައްވައިފައެވެ. ޢާޠިފް ވިދާޅުވީ ޢާއިލާގެ މީހަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތުމުން އެރޭ އޭނާ ހުންނެވީ މާލޭގައި ކަމަށެވެ. "މާލޭގައި ހުރެގެން އަޅުގަނޑު ކިހިނެއްތޯ ހަމަ އެވަގުތު މަތިވެރީގައި ހުރެ އަތްޖަހާނީ." ޢާޠިފް ވަނީ ސުވާލުކުރައްވައިފައެވެ.

މިއަދު އޮންލައިން