ކުލަބު ލެވެލްގެ މަސައްކަތްތައް ކުރުމަށް ހުރަސް އެޅޭތީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރގެ މަޤާމުގައިހުރި މުހައްމަދު އީސާ (މޯ) އެ މަގާމުން އިސްތިއުފާ ދީފިއެވެ.
އޭނާ ބުނީ ޤައުމީ ޓީމުގެ މެނޭޖަރު ލެވެލްގެ އެއްވެސް މީހަކަށް ކްލަބެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ. އެހެންކަމުން އެހެން ކަންކަން ކުރަން ހުރަސްތަކެއް ދިމާވާ ކަމަށެވެ.
އެ މަސައްކަތުގައި އުޅެވެނީ ވަކި ދުވަސްވަރެއްގައި ކަމަށާއި ނަމަވެސް އަބަދު އެކަމަށް ހުސްވެގެން ހުންނަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޤައުމީ ޓީމުގެ މެނޭޖަރުގެ މަޤާމުގައި ގިނަދުވަހު ހުންނަން ކުރިންވެސް ވިސްނާފައި ނެތް ކަމަށާއި އިތުރު މީހުންނަށްވެސް ފުރުޞަތު ދޭންވާނެ ކަމަށެވެ. އަދި ބޭނުންވާ ވަރުގެ ކާމިޔާބީއެއް ޓީމާއެކު ހާސިލުކުރެވިއްޖެކަމަށެވެ.
ދިވެހި ޤައުމީ ޓީމުގެ މެނޭޖަރގެ މަޤާމާއި 2017 ވަނަ އަހަރުގެ މާރޗު މަހު އޭނާ ހަވާލުވެ، ގައުމީ ޓީމާއެކު ދެ އަހަރު ވަނީ މަސައްކަތްކޮށްފައެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖެ އުފުލާލުމެވެ.