މި ކުޑަކުއްޖާގެ ވާހަކަ ކިޔައިދިނުމުގަ އެންމެންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
މި ކުޑަކުއްޖާގެ ވާހަކަ ކިޔައިދިނުމުގަ އެންމެންނަށް ފިލާވަޅެއް!

ށޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ޓްވީޓުގައި އެވަނީ 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަރަށް ހުނަރުވެރިކަމާއިއެކު ވާހަކައެއް ކިޔައިދޭ ވީޑިއޯއެކެވެ. މި ވީޑިއޯ އިން ވަރަށް މުހިންމު ފިލާވަޅެއް ލިބިގެންދެއެވެ. އެހެނީ ވާހަކަ ކިޔުމުގެ ޤާބިލުކަމާއި ހުނަރާއި އަދި ޙަރަކާތާއިއެކު ކިޔައިދިނުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ކުދިންނަށް ހޯދައިދެވޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވާހަކަ ކިޔުން ދެ ގޮތަކަށް މާނަ ކުރެވިދާނެއެވެ. އެއް ގޮތަކީ ފޮތުން ބަލައިގެން ކިޔުމެވެ. ޢިބްރަތްތެރި ވާހަކަ ކިޔާނަމަ މައުލޫމާތު މުއްސަނދިވެ ކުދިންގެ ވިސްނުން ތޫނުވާނެއެވެ. ކުރިމަތިވާ ކަންކަމަށް ކުރިމަތިލުމުގެ ޤާބިލުކަން އިތުރުވާނެއެވެ. ދީނީ ވާހަކަތައް ކިޔާނަމަ ދީނީ މައުލޫމާތު މުއްސަނދިވާނެއެވެ. އަޚްލާޤީ ވާހަކަތައް ކިޔާނަމަ ރިވެތި އަޚްލާޤް ދަސްވާނެއެވެ.

ދެވަނަ ގޮތަކީ އެނގޭ ވާހަކަތައް އަމިއްލައަށް ކިޔައި އެހެން ބައަކަށް ހުށަހަޅައި ދިނުމެވެ. އެކަން ކުރާނަމަ ކުދިންގެ ވާހަކަ ދެއްކުމުގެ ފެންވަރު މަތިވާނެއެވެ. ވާހަކަ ދެއްކުމުގައި ކުށް ބަސް ބޭނުންކުރެވުން މަދުވާނެއެވެ. އެހެންކަމުން މިކަމުގައި ބެލެނިވެރިންގެ އެހީތެރިކަން ވީހައި ބޮޑަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިޔޭ ކުށް ބަސްތައް ފާހަގަކޮށްދީ އިޞްލާޙްކޮށްދިނުމުގައެވެ.

 

މިފަދަ ބައެއް ކުދިން ބޮޑެތިވެ ދުނިޔޭގެ އެންމެ މަޝްހޫރު ޓީވީ ޕްރެޒެންޓަރުންނަށްވެސް ވެފައި އެބަތިއްބެވެ. އަދި މޮޅަށް ތަޤްރީރުކުރާ މީހުންނަށްވެސް ވެފައި އެބަތިއްބެވެ. ހަމަ އެއާއިއެކު އެފަދަ ކުދިންނަކީ މޮޅު ވާހަކަ ދެއްކުންތެރިން ކަމުގައިވެ އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންނަށްވެސް ވެފައި އެބަތިއްބެވެ.

އެހެންކަމުން ކުދިން ލައްވައި ދެ ގޮތަށްވެސް ވާހަކަ ކިޔުއްވުމަކީ އެކުދިންގެ މުސްތަޤްބަލުގައި ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެކެވެ. މި ވީޑިއޯގައި ވާހަކަ ކިޔައިދޭ ކުއްޖާއަށާއި މިފަދަ ހުރިހާ ކުދިންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރެއްވެވުމަށް މިއަދުނޫހުން އެދެމެވެ

https://twitter.com/ShunanaMariyam/status/1115884298043908099

 

މިއަދު އޮންލައިން