ލައިސަންސް ނުލައި ސައިކަލު ދުއްވި 59 މީހަކަށް ފިޔަވަޅު އަޅައި 968 އުޅަނދުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން ކޮންމެ ހަފުތާއަކު އާންމު ކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިއަދު އާންމު ކުރި މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 569 ސައިކަލެއް ހުއްޓުވައި ފުލުހުން ބަަލައި ފާސްކުރިއިރު މީގެ ތެރޭގައި ލައިސަންސް ނެތި ސައިކަލު ދުއްވި 113 މީހަކާއި، ލައިސަންސް އޮތް ނަމަވެސް ލައިސަންސް ނުލައި ސައިކަލު ދުއްވި 59 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ.
އަދި މީގެއިތުރުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން ހުއްޓުވި 14 ފަރާތަކާއި 18 އަހަރު ނުވަނީސް ސައިކަލު ދުއްވި ދެ ކުއްޖަކަށް ފިޔަވަޅު އެޅި ކަމަށްވެސް ތަފާސްހިސާބުގައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުއިވާގޮތުން ގަވާއިދާ ހިލާފުވެގެން 17 ސައިކަލަކާއި ހަތަރު ފުރޮޅުލީ 8 އުޅަނދެއް ވަނީ ޓޯކޮށްފައެވެ.