ލ. އަތޮޅުގައި އޯގާ ކޭމްޕްގެ ހަރަކާތްތައް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ލ. އަތޮޅުގައި އޯގާ ކޭމްޕްގެ ހަރަކާތްތައް  ފަށައިފި

އާންމު ރައްޔިތުންގެ މެދުގައި ހުރި ދީނީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ކުރިއަށްގެންދާ އޯގާ ކޭމްޕްގެ ހަރަކާތްތައް ލ. އަތޮޅުގައި ފަށައިފިއެވެ.

މިކޭމްޕްގައި، ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ސްކޫލް މުދައްރިސުންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ އިތުރުން ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސެމިނަރތަކާއި ވޯކްޝޮޕްތައް މި ކޭމްޕްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އަދި ކައުންސިލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމާއި ދީނި ގޮތުން މަޢުލޫމާތު އޮޅުންފިލުވަން  ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ލ. އަތޮޅުގައި ކުރިއަށްގެންދާ މިކޭމްޕްގެ ހަރަކާތްތައް މިއަދާއި މާދަމާ ލ. ގަމުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކޭމްޕްގެ ހަރަކާތްތައް އެޕްރީލް 17ން 18ށް މާމެންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކުނަހަންދޫގައި މިކޭމްޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 21 އަދި 22 އެވެ. މީގެއިތުރުން އިސްދޫކަލައިދޫގައި މިކޭމްޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 24 އަދި 25 އެވެ.

ރަށްރަށުގައިހުރި ދީނީ މައްސަލަތައް ދެނެގަތުމާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ދީނީ ނަސޭޙަތާއި ދަރުސްތައް ދިނުމަށް ކުރިއަށްގެންދާ މި ކޭމްޕްގައި މަޢުލޫމާތު ދެއްވަނީ އައްޝައިޚް އަޙްމަދު މަޢުމޫނާއި އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ.

ހަބަރު: ޕޮލިސް ލައިވް

މިއަދު އޮންލައިން