ފުލުހުންގެ 86ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހދ. ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަނުން ޚާއްސަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
އެޕްރީލް 13ވަނަ ދުވަހު ކުރިއަށްގެންދިޔަ މިހަރަކާތްތަކުގައި، ނޮޅިވަރަމްފަރު ސްކޫލާއި އަދި ކުޅުދުއްފުށި އަފީފުއްދީން ސްކޫލްގެ 12 އަހަރުން ދަށުގެ ދަރިވަރުންގެ މެދުގައި ހޭންޑް ބޯލް މެޗަކާއި ފުޓްބޯލް މެޗެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެ ދެ ސްކޫލްގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަދި ކުށުގެ މާހައުލުން ދަރިވަރުން ދުރުހެލި ކުރުވުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ކިޔަވައިދިނުމުގެ ހުނަރުތަކާއި ގުޅޭގޮތުން އަފީފުއްދީން ސްކޫލާއި ނޮޅިވަރަންފަރު ސްކޫލްގެ މުދައްރިސުންގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ނޮޅިވަރަމްފަރު ސްކޫލާއި އެ ދެ ސްކޫލްގެ ބެލެނިވެރިންނާއި އަދި ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަނުން ކުރިއަަށް ގެންދިޔަ މި ހަރަކާތްތަކުގައި އެ ދެ ސްކޫލްގެ އިސް ވެރިންނާއި މުދައްރިސުންގެ އިތުރުން ގިނައަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުންބައިވެރިވެފައިވެއެވެ.