ހުޅުމާލެ އޮޕަރޭޝަންސްއާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނައަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އެޕްރީލް 11ވަނަ ދުވަހުގެ 22:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނިއެވެ.
މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ޑިންގީއަކުން ހުޅުމާލެއަށް ބޭލި ކަޅުކުލައިގެ ކޮތަޅަކާއި ހަވާލުވުމަށް އެ ސަރަޙައްދަށް އައިސްތިބި މިދެމީހުން އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާންއުޅުމުން އެ ދެމީހުން ހުއްޓުވައި އެކޮތަޅު ބަލައިފާސްކުރި އިރު ބަނގުރާ ހުރި 48 ދަޅު ފެނިފައިިވެއެވެ.
މިދެމީހުން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް އެތަނުން އެކަކު ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނިއެވެ.