ފާއިތުވި 3 އަހަރު ބޭއްވި 3 އިންތިޚާބުން ވެސް ޕީޕީއެމް ފޭލްވީ ޕީޕީއެމްގައި ހަރުދަނާ ލީޑަރޝިޕެއް ނެތުމުން ކަމަށް ވިދާޅުވެ ލީޑަރޝިޕްގައި ތިބި އެންމެން އިސްތިޢުފާ ދިނުމަށް ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ގޮވާލައްވައިފިއެވެ.
ނިހާން މިކަމަށް ގޮވާ ލެއްވީ މިރޭ ކުރެއްވި ޓްވީޓްތަކެއްގައެވެ.
ނިހާން މިރޭ ވިދާޅުވީ ޢާންމު މެންބަރެއްގެ ގޮތުގައި ޕީޕީއެމަށް، ރައްޔިތުންނަށް ސިޔާސީ ގޮތުން ޚިދުމަތް ކުރުމުގައި ދެމިހުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕުން ފޭލްވި ހުރިހާ އެންމެން ދުރަށް ދާން ޖެހޭ ކަމަށާއި އައު ލީޑަރޝިޕަކަށް ޖާގަދޭން ޖެހޭ ކަމަށެވެ. 2017 ލޯކަލް އިންތިޚާބު، އަދި 2018 ރިޔާސީ އިންތިޚާބު، ގެ އިތުރުން 2019 މަޖިލިސް އިންތިޚާބު ޕީޕީއެމަށް ގެއްލުނީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުން ކަމަށެވެ. "އެ އެންމެން އިސްތިޢްފާ."
ޕީޕީއެމްގެ އެންމެ އަޑުގަދަ، ބަލާޣާތްތެރި، އެންމެ ފަށުވި އިބާރާތުން ރައީސް ޔާމީނަށާއި މެޑަމް ފާތުންއަށް މިހައިތަނަށް ސަނާ ކިޔަމުން އައި ނިހާން މިރޭ ކޮށްފައިވާ ޓްވީޓްތައް:
"ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އަކީ ވަރަށް ކުރު މުއްދަތެއްގައި، ރާއްޖޭގެ ވެރިކަމަށް ދަތުރުކުރި ޕާޓީއެއް. ޕާޓީން މިހައިތަނަށް ހޯދި ހުރިހާ ކާމިޔާބެއްގެ ޙައްޤުވެރި ފަރާތްތަކަކީ ޕީޕީއެމްގެ މެންބަރުން. ޕީޕީއެމް އިޞްލާޙް ކުރޭ.
ޕީޕީއެމްގެ ލީޑަރޝިޕުން ފޭލްވި ހުރިހާ އެންމެން ދުރަށް ދާން ޖެހޭ. އާ ލީޑަރޝިޕަކަށް ޖާގަދޭން ޖެހޭ. 2017 ލޯކަލް އިންތިޚާބު، އަދި 2018 ރިޔާސީ އިންތިޚާބު، ގެ އިތުރުން 2019 މަޖިލިސް އިންތިޚާބު ޕީޕީއެމަށް ގެއްލުނީ ހަރުދަނާ ލީޑަރޝިޕެއް ނެތުމުން. އެ އެންމެން އިސްތިޢްފާ.
ޢާންމު މެންބަރެއްގެ ގޮތުގައި ޕީޕީއެމަށް، ރައްޔިތުންނަށް ސިޔާސީ ގޮތުން ޚިދުމަތް ކުރުމުގަ ދެމިހުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.
ޕީޕީއެމްގެ ޢާންމު މެންބަރުން ނުހަނު އިޚްލާޞްތެރި. އެ މެންބަރުންނަށް އިތުރު ހިތާމަ އާއި ގެއްލުން ދިނުމަށް ޖާގައެއް ނެތް."