"ވިލިމާލެ ޕޮލިސް ޤުރުޢާން މުބާރާތް 1440" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
"ވިލިމާލެ ޕޮލިސް ޤުރުޢާން މުބާރާތް 1440" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ވިލިމާލެ ޕޮލިސް ޤުރުޢާން މުބާރާތް 1440 ގައި ބައިވެރިވުމުގެ ފުރުޞަތު ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ހުޅުވާލައިފިއެވެ.

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޤުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާލުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާތަކަކީ 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރު ފުރާއަކުންވެސް ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ 2 ވަނަ އަދި 3 ވަނަ އާއި އަދި މުޅި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ކުއްޖަކަށް ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާލުވިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލައިފައިއެވެ. 

 މުބާރާތުގައި ބައިވެރިވުމުގެ ފޯމް ވިލިމާލޭ ޕޮލިސް ސްޓޭޝަނުން ލިބެންހުންނާނެއެވެ. މެއި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޤުރުޢާާން މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އޭބީސީ ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

މިމުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން ބާއްވަމުން އަންނަ ޤުރުއާން މުބާރާތެކެވެ.

މިއަދު އޮންލައިން