ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

 

އެނގިފައިވާ ގޮތުގައި އެމެމްބަރުން މަޖިލީހަށް ހާޒިރު މިކުރަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް އިލްމީ ގާބިލު މީހުންގެ ބަދަލުގައި ޝަރުތު ހަމަ ނުވާ ބަޔަކު އައްޔަން ކުރާކަމަށް ބުނާ މައްސަލައެއްގައެވެ.

 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ސީއެސްސީގެ މެމްބަރުން އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ނިންމީ، އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

 

ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

 

ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ސީއެސްސީގެ މެމްބަރުން މަޖިލީހަށް ހާޒިރު ކުރާނެ ވަކި ދުވަހެއް އަދި ވަގުތެއް ފަހުން އަންގަވާނެ ކަމަށާއި  މާދަމާގެ ވަގުތަކަށް ސީއެސްސީގެ މެމްބަރުން ހާޒިރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު އޮންލައިން