ގއ. ނިލަންދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމަކާއި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ފަށާފަވެއެވެ.
އެޕްރީލް 15ން ފެށިގެން މެއި މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ މި ޕްރޮގްރާމްތަކަކީ ސްކޫލް ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމާއި އަދި ސްކޫލްގެ ކޮންމެ މުދައްރިސަކާއި އަދި ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ގޮތުން އެސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން ފަތަން ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި، މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަން ބުނެދީ ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކަސްރަތުކުރުމުގެ މުހިންމުކަމާއި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމާއި ގުޅޭގޮތުން ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިންނަށް މަޢުލޫމާތުދިނުމާއެކު ކަސްރަތު ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ގއ. ނިލަންދޫ ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ހުރިހާ މުދައްރިސުންނާއި އަދި ހުރިހާ ބެލެނިވެރިން މިޕްރޮގްރާމްތަކުގައި ބައިވެރިވެފައިވެއެވެ.
އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ އެއަތޮޅުތަކުގެ ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި އަދި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ސްކޫލްތަކާ ގުޅިގެން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ