އޮނަވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ދިފާއުކުރެއްވި ރޮޒެއިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ އިން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަ ހުންނެވި ކަމަށާއި އަންހެން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމުން މިއީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ އެފަދަ ކަންކަން ނިންމާނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމަ ރަނގަޅު ވަގުތެއް އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން. އެ ޝައުގުވެރިކަން އަޅުގަނޑުގެ ވެސް އެބަހުރި" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާގެ އިތުރުން އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެމްޑީޕީ އަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ފާޅު ކުރައްވާފައެވެ.