ގޮއިދޫ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ޗެމްޕިއަންކަން ދިފާޢު ކުރުމުގެ އުއްމީދު އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 42ސ
ގޮއިދޫ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ޗެމްޕިއަންކަން ދިފާޢު ކުރުމުގެ އުއްމީދު އާކޮށްފި

ބ. މާޅޮހުގައި މިހާރުކުރިއަށްދާ މާރެސް އަތޮޅު ވޮލީބޯލް މުބާރާތުގައި ގޮއިދޫ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ޗެމްޕިއަންކަން ދިފާޢު ކުރުމުގެ އުއްމީދު އާކޮށްފިއެވެ.

އެޓީމުން ދެވަނަ މެޗު ކާމިޔާބުކުރީ ކަމަދޫ އާއިވާދަކޮށް ސީދާ 3 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގޮއިދޫއިން ގެންދިޔައީ 25،12/25،14 އަދި 25،16 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ފާއިތުވި އަހަރުތަކުގައި އަތޮޅާއި ޤައުމީ ފެންވަރުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ގޮއިދޫގެ ޖާރޒީ ނަމްބަރު 12 ޝާނިޔާ އަޙްމަދު ނިޒާމަށެވެ.

މިއަހަރުގެ މުބާރާތުގައި ގޮއިދޫ ފުރަތަމަ ކުޅުނު މެޗު ގޮއިދޫއިން ކާމިޔާބުކުރީ ދަރަވަންދޫ އާބައްދަލުކޮށް ސީދާ 3 ސެޓުންނެވެ. އަދި މިއހަރު މުޅިން އަލަށް ބައިވެރިވި، ކަމަދޫއިން ފުރަތަމަ ކުޅުނު މެޗު މުބާރާތް ބާއްވާ ރަށް މާޅޮސް ޓީމާ ބައްދަލުކޮށް ކާމިޔާބުކުރީވެސް ސީދާ 3 ސެޓުންނެވެ.

މިއަހަރުގެ މުބާރާތް މި މަހުގެ 18 އާއިހަމައަށް ކުރިއަށްދާ އިރު، އަންހެން ޑިވިޜަންގައި 4 ޓީމާއި ފިރިހެން ޑިވިޜަންގައި 6 ޓީމު ވަނީ ބައިވެރިވެފައެވެ.

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް އަންހެން ޑިވިޝަންގެ 3 މުބާރާތެއް ވަނީ ބާއްވާފައެވެ. 

ފިރިހެން ޑިވިރަންގެ މެޗުތައް އެޕްރީލް 19ން 27 އަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އިރު، މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

މިދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައެވެ. ފިރިހެން އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ގޮއިދޫއިން ހޯދާފައިވަނީ ފައިނަލުގައި މާޅޮހާއި ވާދަކޮށްގެންނެވެ.

މިއީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ. އަދި އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަން އާލާ ކުރުވުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

 

 

މިއަދު އޮންލައިން