ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ޓެރަރިޒަމްގެ މައްސލަތަކުން ސަލާމަތްކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މިއީ ޓޫރިޒަމް މިނިސްޓްރީ އާއި ދިވެހި ފުލުހުން އަދި އިނގިރޭސިވިލާތާއި ޖަކާޓާގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތައް ދުނިޔޭގައި ޢާންމުވަމުން އަންނައިރު ރާއްޖޭގައިވެސް އެފަ ކަންކަމަށް ކުރިމަތިލުމަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް ބޮޑަށް އިސްކަންދީ އަދި ސަމާލުކަން ދޭ ކަމެއް ކަމަށެވެ. އަދި މިފަދަ މަސައްކަތު ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒިފުންނަށް އިތުރު ހޭލުންތެރިކަން ލިބިގެންދާނެ ކަމަށެވެ.

އިސްމާޢީލް ނަވީން ވިދާޅުވީ ކުރިމަތިވެދާނެ ޓެރަރިޒަމްގެ ހަމަލާއަކުން ރާއްޖެ ސަލާމަތް ކުރުމަށް މިހާރުވެސް ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ބޭރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއިވެސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ ކުރަމުން ގެންދާނެ ކަމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާ އިނގިރޭސިވިލާތުގެ އެކްސްޕަރޓަކު ވިދާޅުވީ ޓެރަރިސްޓުން ވެސް ގެންދަނީ ހަމަލާ ދިނުމަށް ތަފާތު އުކުޅުތައް ދަސްކުރަމުން ކަމަށާއި އެކަންކަމާއި އެއްވަރަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަންވެސް އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ހުރިހާ ޤައުމުތައް ގުޅިގެން އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.
މިއީ މިގޮތުން ރާއްޖޭގައި ބޭއްވޭ 3 ވަނަ ބައްދަލުވުމެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ޖަމާއަތްތަކުން ބައިވެރިވެއެވެ.