ނައިބު ރައީސް ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް ހުޅުއްވައިދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އެގޮތުން، ދިވެހި ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއެވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުންކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ކުރިއަށް އޮތްދުވަސްތަކުގައި ދެމިތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ކަމަށާއި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރު ޚިދުމަތްތައް ފަށައި، މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމުގައި ވެސް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވިއެވެ.