ފަތަހަ ސުންބުލި ކައިރިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން އުޅުނު 18 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ރޭ 23:32 ހާއިރު ފަރީދީމަގު ފަތަހަ ސުންބުލި ކައިރިން ހައްޔަރު ކޮށްފައިވަނީ، ހެލްމެޓު އަޅައިގެން ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން އެކަކު ކަމަށެވެ.
ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ސައިކަލެއްގައި މީހަކު ދާން އުޅެނިކޮށް، އެމީހާގެ ފަހަތުން އެދެމީހުން ވެސް ސައިކަލެއްގައި ގޮސް ފައިސާ ހިފައިގެން ހުރި މީހާގެ ކުރިމައްޗަށް އަރާ ބިރު ދެއްކި ކަމަށާއި ފޭރެން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
އެމީހުން ހުއްޓުވާފައިވަނީ އެވަގުތު އެސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހުން ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރު ކުރެވިފައިވާއިރު އަނެކަކު ވަނީ ފިލާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.